ޖޭއެސްސީން ރިޒާ ވަކިކުރުމާއި އަބުރުގެ ގާނޫނު އުވައިލުމުގެ މައްސަލަ ހޯމަ ދުވަހު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަބުރުގެ ގާނޫނު އުވައިލުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.


މަޖިލީހުން މިއަދު އާންމު ކުރި ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ، ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ، ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ އެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެމްބަރު ރިޒާގެ މައްޗަށް 2.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތެއްކޮށް، ޖޭއެސްސީގެ މެމްބަރުކަމުން އޭނާ ވަކިކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމެވެ.

ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ

އެ ދުވަހުގެ ޖަލްސާގައި އިބްތިދާއީ ބަހުސްގެ މަރުހަލާގައި ހިމަނާފައި ވަނީ އަބުރު ގާނޫނު އުވައިލުމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި މައްސަލައިގެ އިތުރުން ދައުލަތުގެ އެއް މުއައްސަސާއަކުން ރާއްޖޭގެ ހުރިހާ މީޑިއާތައް ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ މައްސަލަ އެވެ. އަދި ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ބިލްގެ އިބްތިދާއީ ބަހުސް ވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކީ މަޖިލީހުގެ އާ ރައީސަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އިންތިޚާބުކުރި ފަހުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ބަހުސްކުރަން އެޖެންޑާ ކޮށްފައިވާ ތިން ބިލްގެ ތެރެއިން، އަބުރު ގާނޫނު، ބައެއް މީޑިއާތަކުން ސިފަކުރި ގޮތުގައި، އެއީ މިނިވަން ނޫސްވެރިކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. އަދި އެ ގާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރިޔާސީ ވައުދެކެވެ.

މީޑިއާ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުން އަމަލުކުރަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ނޫސް މަޖައްލާތައް ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިން އަމަލުކުރަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ. އަދި މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު އެ ބިލުން އެ ކޮމިޝަނަށް ލިބިދެ އެވެ.