އައްޑޫ އާ ހޮސްޕިޓަލް ނިމިއްޖެ، މަދީ އެތަނަށް ބޭނުންވާ ސާމާނު: މުއިއްޒު

އައްޑޫގައި އަލަށް ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި އެ ތަނަށް މަދުވަނީ ހަމައެކަނި ބޭނުންވާ ސާމާނު ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


އައްޑޫ އާ ހޮސްޕިޓަލް ގާއިމު ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބާއްވަން ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގަ އެވެ. އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގާ މަޝްރޫއެކެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓް.

އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި، ލަސްވެގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރާ ގޮތަށެވެ. އެ ގޮތުން ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލް މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ނިންމައި ހުޅުވާނެ އެވެ.

ހޮސްޕިޓަލަށް ބޭނުންވާ އިކްޕްމަންޓްގެ ވާހަކަ މުއިއްޒު މިއަދު ފާހަގަ ކުރެއްވި އިރު، މާލޭން ވެސް ނުލިބޭ ފެންވަރުގެ ހިދުމަތްކާ އެކު ހުޅުވާ ހޮސްޕިޓަލަށް ބޭނުންވާ ސާމާނުތައް ހޯދައި އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީީން ބީލަމަށް ހުޅުވައިލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ކޮންވެންޝަން ޓޫރިޒަމް ވެސް ތަރައްގީ ކުރުމުގެ ވިސްނުމުގައި އިމާރާތް ކުރި އީސީސީ، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުން އަންނަ އިރު، އެ ތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ނަޝީދު އައްޑު އަށް މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި ބައްލަވައިލެއްވި އެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ފެއްޓެވި މަސައްކަތްޕުޅު އަލުން ބަދަލު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި އީސީސީ ހޮސްޕިޓަލަކަށް ނޫން ތަނަކަށް ދެން ހަދަން ނުފެންނަ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު އޮތް މަޝްރޫއު ބާރަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން. އަލުން އަނބުރާ މިހާރު ކުރި ހަރަދު އުކާލައި ބޭކާރު ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަކަށް ވެސް ފައިދާވާނެ ކަމެއް ނޫން،" ނަޝީދު ފޭދޫގައި ވިދާޅުވި އެވެ.