ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެކަމަށް އަންނަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން ވީއައިއޭ ތަރައްގީކުރަން 2016 ގައި ފެށީ ރާއްޖެ އަންނަ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކޮށް، މިހާރު ބޭނުންކުރާ ޓާމިނަލް މި ޒަމާނަށް ނުފެތޭތީ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ލޯނުގެ ގޮތުގައި ލިބޭ ފަސް ބިލިއަން ރުފިޔާ ހަރަދުކުރަނީ އާ ރަންވޭ އާއި ފިއުލް ފާމެއް އެޅުމަށެވެ. އަދި އަރަބި ގައުމުތަކުން ލިބޭ ހަތަރު ބިލިއަން ރުފިޔާގެ ލޯން މެދުވެރިކޮށް، އެއާޕޯޓުގައި އާ ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
މީގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވީއައިއޭގައި 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ނިންމައިފަ އެވެ. އަދި އޮއިލް ފާމްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އާ ޓާމިނަލް ނިމުމުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދޭނެ ގާބިލްކަން ލިބޭނެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން، އާ ރަންވޭ އާއި ޓާމިނަލްގެ މަޝްރޫއަށް ހަރަދުކުރަނީ ލޯނުންނެވެ. އެގޮތުން، އާ ރަންވޭގެ މަޝްރޫއަށް ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް 978 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ބުނެފަ އެވެ. ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އާ ޓާމިނަލަށް 680 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
އެއީ، އަބޫދާބީ ފަންޑުން 188.6 މިލިއަން ރުފިޔާ އާއި ސައުދީ ފަންޑުން ދޭ 185 މިލިއަން ރުފިޔާ އާއި ކުވައިތު ފަންޑުން 152.7 މިލިއަން ރުފިޔާ އާއި އޯޕިޑުން ދޭ 154 މިލިއަން ރުފިޔާ އެވެ.
މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި ގޮތުގައި، ވީއައިއޭއަށް އަންނަ ތަރައްގީއާ އެކު އެއާޕޯޓު ވެގެން ދާނީ ސަރަހައްދުގެ ނަމޫނާއަކަށެވެ. އަދި ވީއައިއޭ ތަރައްގީކޮށް ނިމޭއިރު، މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް އެތަން ވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.