އިބޫއަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން

އަންނަ ހޮނިހިރު ދުވަހު ހުވާކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން ކަމަށް އެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.


އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އިބޫއަށް އެންމެ މަތީ މަޝްވަރާ އަރުވާނީ އެ ހަތަރު ލީޑަރުން ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއީ ހުރިހާ ރައްޔިތުންގެ ހިއްސާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް އަދި ހަދި ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިބޫ ވިދާޅުވީ، ކޮންމެ މަހަކު އެއް ފަހަރު ހަތަރު ލީޑަރުންގެ މެދުގައި މަދުވެގެން އެއް ބައްދަލުވުން ބޭއްވުމަށް މިއަދު އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި ލީޑަރުންގެ މަސައްކަތްތަކަށް ބެލުމަށް ފަހު، އިތުރު ބައްދަލުވުމެއް ބާއްވަން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ބައްދަލުވުމުގެ ނިންމުންތަކާއި ދެއްކެވި ވާހަކަތައް މީޑިއާއަށް ހިއްސާ ކުރާނެ އެވެ.

"އެ ބައްދަލުވުންތަކުގައި އަޅުގަނޑުމެން ގައުމުގައި ހުރި ބޮޑެތި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ލަފާއަރުވާ ގޮތަށް ހަތަރު ލީޑަރުން އެއްބަސްވީ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ކެބިނެޓް އެކުލަވައިލުމާ ގުޅޭ ގޮތުން ވެސް ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުވުމުގައި ލީޑަރުން ވާހަކަ ދައްކަވައި ގޮތަކަށް ވަނީ އެއްބަސްވެފަ އެވެ. އަދި މިހާރު އޮތް ކޯލިޝަން ދެމެހެއްޓުމަށް ވެސް އެއްބަސްވި ކަމަށް އިބޫ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމަށް މައުމޫން ވަޑައިގަތުމުން ކޯލިޝަންގެ ބައެއް އިސްވެރިން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އާ ރައީސް އިބޫ އަދި އާ ނައިބު ރައީސް ފައިސަލް އަކީ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންނެވި ދެ ބޭފުޅުން ކަމަށާއި ކުރިން ފެނިގެން ދިޔަ ފަދަ ކަންތައްތަކެއް ރާއްޖޭގައި ދެން ފެންނަން އެދިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން، ވޭތުވެދިޔަ ތާނގައި ރާއްޖޭގައި ފެނިގެން ދިޔަ ފަދަ ކަންތައްތަކެއް ދެން ފެންނާކަށެއް. މީހުންނާ ދޭތެރޭގައި ގާނޫނާ ގަވާއިދާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އަމަލުކޮށް، މީހުން ބަންދުކޮށް، އަދި އެމީހުންގެ ދިރިއުޅުން އެގޮތް މިގޮތަށް ބަރުބާދުކޮށްލުން އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫން،" އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ މި ވެރިކަމުގައި ޖަލުގެ އަނިޔާވެރިކަން ތަޖުރިބާ ކުރައްވައި އެކަމަކު، ހައި ކޯޓުގެ ހުކުމާ އެކު ޖަލުން ސަލާމަތްވެވަޑައިގެންފައިވާ މައުމޫން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު، އިންތިޚާބީ ނައިބު ރައީސް ފައިސަލް (ވ) އާއި ކުރީގެ ރައީސް ނަޝީދު (ކ) މީޑިއާއާ ބައްދަލުކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނަޝީދު ވިދާޅުވިގޮތުގައި، އާ ސަރުކާރުގެ ކެބިނެޓް އެކުލަވައިލައްވާނީ އިބޫއަށް އިތުބާރު ކުރެއްވޭ ބޭފުޅުން ހިމަނުއްވައިގެންނެވެ. ނަމަވެސް، ކެބިނެޓް އެކުލަވައިލައްވާއިރު، އިންތިޚާބު ވެވަޑައިގެންނެވީ އިއްތިހާދަކުން ކަން ހަނދުމަފުޅު ބަހައްޓަވާނެ ކަމަށް ކުޑައިރުއްސުރެ އިބޫއާ ރަހުމަތްތެރި ނަޝީދު ވިދާޅުވި އެވެ.

"ތެދުފުޅެއް ހަމަ އެއާ އެކީގައި ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވެވަޑައިގަތީ އިއްތިހާދަކުން ކަން. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ކެބިނެޓް އެކުލަވައިލައްވާ އިރުގައި އެ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާނެ. ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކެބިނެޓް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ހިފޭ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަނަކަށް،" ނަޝީދު ވިދާޅުވި އެވެ.