އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އަލައިނާ ޓެޕްލިޓްޒްގެ މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް މިއަދު އަރުވައިފި އެވެ.
އެމެރިކާގެ އާ ސަފީރު އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރައީސްއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ، އިއްޔެ ހުވާކުރެއްވި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެ އަށް ކަނޑައެޅި ގައުމެއްގެ ސަފީރެއްގެ ފަތްކޮޅު އެމަނިކުފާނަށް އެރުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އިތުރުން، އެމެރިކާ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމު ވެސް އަލައިނާ ފުރުއްވާނެ އެވެ. މީގެ ކުރިން، އަލައިނާ ހުންނެވީ އެމެރިކާ އިން ނޭޕާލަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގަ އެވެ.
އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ކުރިން ހުންނެވީ އަތުލް ކެޝަޕް އެވެ. އޭނާ އެ މަގާމު ފުރުއްވަމުން ގެންދަވަނީ އޮގަސްޓް 2015 އިން ފެށިގެންނެވެ.
އަތުލް ފާހަގަކުރެވެނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި އަދި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، ކުރީގެ ސަރުކާރުން އަމަލު ކުރާ ގޮތުން، އަތުލުގެ ނުރުހުން އަމާޒުވި އެވެ.
އަލައިނާ އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. މިހާތަނަށް އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އޭޝިއާގެ ގައުމުތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.