ކުރީގެ ދެ ފަނޑިޔާރުންނާއި މުހުތާޒާއި ގާޒީ ނިހާން ގެއަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އަދި އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ދެންމެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.


އެ ހަތަރު ބޭފުޅުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ނުހައްގުން ޖަލަށްލާފައިވާ ފަރާތްތައް މިނިވަން ކުރުމަކީ މަގާމުގެ ހުވާ އިއްޔެ ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

ދެ މައްސަލަ އަކާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައިސްފައި ވާއިރު، ޓެރަރިޒަމްގެ ކުށުގައި މުހުތާޒާއި ނިހާންގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ ހަތަރު ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރިއިރު، ޖަލު ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންގެ މައްސަލަތައް ރިވިއު ކުރަން ނިންމައި، އެ ބޭފުޅުން ވެސް މިހާރު ތިއްބެވީ މިނިވަންކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ނާޒިމް ވެސް ވަނީ މިނިވަންކޮށްފަ އެވެ.