ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއް--
20 ނޮވެމްބަރ 2018 - 14:32
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް "ސަންސެޓް" ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަހު ރައީސްގެ ގަރާރަކުން ވަނީ، ދެ ކޮމިޝަނަކާއި ކޮމެޓީއެއް އުފައްދަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި އެކުލަވާލި ކޮމިޝަނަކާއި އަދި ދައުލަތުގެ އެކި އެކި މަގާމުތަކުގައި ތިބި މީހުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަނެކެވެ. ދެން އުފެއްދީ ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެކެވެ.
މީގެ ކުރީ ސަރުކާރުތަކުން ވެސް ހަވާލުވުމާއެކު ކުރީގެ މައްސަލަތައް ބެލުމަށް ކޮމިޝަންތައް އެކުލަވާލަ އެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ ނެރެވިފައެއްނުވެ އެވެ. އެނގިފައިވާ ގޮތުގައި ކޮމިޝަންގެ މަސައްކަތްތަކުން ނަތީޖާ ނެރުމަށް މި ސަރުކާރުން ނިންމާފައިވަނީ ސަންސެޓް ގާނޫނެއް ފާސް ކުރުމަށެވެ. ސަންސެޓް ގާނޫނަކީ ވަކި މުއްދަތަކަށް އެކުލަވާލާ ގާނޫނެކެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް އެ ކޮމެޓީތައް އުފައްދައި ބާރުތަކެއް ވަނީ ދެއްވާފައިވެ އެވެ. އެގޮތުން މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް އޮންނާނެ ކަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ގަރާރުން އެ ބާރުތައް ދިން ނަމަވެސް ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރިކަން ގާނޫނީ ވަކީލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން މީހުން ހައްޔަރު ކުރުމާއި ހާޒިރު ކުރުން ފަދަ ކަންކަން ކުރުމުގައި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ އިތުރު ބާރުތައް ލިބެން ޖެހޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އާ ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އެކުލަވާލެއްވި ޓްރާންސިޝަން ގާނޫނީ ކޮމެޓީގެ މެމްބަރަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވީ ސަންސެޓް ގާނޫނެއް ހެދުމަށް ބިލް އެކުލަވާލައި މަޖިލީހަށް ހުށަހަޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ސަންސެޓް ގާނޫނުގެ ދަށުން ރިޔާސީ ކޮމިޝަންތަކުން ނަތީޖާ ނެރޭނެ ބާރު ލިބިގެންދާނެ ކަމަށެވެ.
ކޮމިޝަންތަކުން މައްސަލަތައް ބެލުމަށް ނިންމާފައިވަނީ އެކަމެއް ތަހުގީގުކޮށް ފިޔަވަޅު އަޅަން ލާޒިމްކޮށްފައިވާ މުއައްސަސާތަކާއެކު އެވެ. އަލަށް ހަދާ ގާނޫނުން އެފަދަ މުއައްސަސާއެއްގެ އެއްބާރުލުން ނުލިބިއްޖެ ނަމަ، ނުވަތަ މުއައްސަސާއެއްގެ މައްސަލައެއް ބަލަން ފިޔަވަޅުތަކެއް އެޅުމުގެ ބާރު ވެސް ލިބިދެ އެވެ.
"މިސާލަކަށް މައްސަލައެއް ބަލާއިރު އެކަމުގައި ފުލުހުންގެ އިހުމާލު ފާހަގަ ކުރެވޭނަމަ އެކަން ބަލަން ހާއްސަ ކަންތައްތަކެއް ކުރުން. ހައްޔަރު ކުރަން ޖެހޭނަމަ ހާއްސަ ޓީމެއް މެދުވެރިކޮށް އެކަން ކުރުން. ކޮރަޕްޝަންގެ މައްސަލައެއް ބަލާނަމަ އޭސީސީ އަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ކޮމިޝަންތަކުން ޓީމެއް ހެދިދާނެ. ގާނޫނީ ޓީމެއް ވަގުތީ ގޮތުން ނަގައިގެން ވެސް އެކަން ކުރެވިދާނެ،" ކޮމެޓީގައި މަސައްކަތް ކުރައްވާ ވަކީލް ވިދާޅުވި އެވެ.
އެ ގާނޫނު އެކުލަވާލެވެންދެން އެ ކޮމިޝަންތަކުގެ ބޭނުމަކަށް ވާނީ ކަމާ ގުޅޭ މުއައްސަސާތަކަށް ފާރަވެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮރަޕްޝަން މައްސަލަ ބަލަން ކޮމެޓީއެއް އުފައްދަން މި ޖެހުނީ އޭސީސީ އަށް އިތުބާރު ނުކުރެވޭތީ. ކޮމެޓީން ކުރާނެ ކަމަކަށްވާނީ އޭސީސީގެ މަސައްކަތްތައް ބަލައި ފޮލޯއަޕް ހެދުން. އަދި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަތަކުގެ އަޕްޑޭޓް ބެލުން،" ވަކީލް ވިދާޅުވި އެވެ.
މި ސަރުކާރުން މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަންތަކެއް އެކުލަވާލާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒުނާ/ހިތަދު/ޔޫކޭ
21 November 2018
ހާދަހާ ވިޔާނުދާ ގައުމަކަށްގައްދާރުވާތީ މިވަރުގެ ވައްކަން މިކޮށްލީ..ޔާމިނު އަދި ޔާމިނުއާއި ބައިވެރިވެގެން މިފަދަ ބޮޑެތި ވައްކަން ކުރިމީހުންފެނުމުން ހޮޑުލެވޭ.. މިކަމުގައި ބައިވެރިވި އެކަކުވެސް ގައުމުން ފުރިޔަ ދީގެންނުވާނެ..އަދި ހަމަ މިއާއި އެކު ރައީސު އިބޫ އުފެއްދެވި ކޮމިޝަންތަކަށް ގާނޫނީ އަދި މިލިޓަރީ ބާރު ވަކި ގާނޫނަކުން ދޭންޖެހޭނަމަ އަޅުގަނޑު މިވަގުތުވެސް މިހިރީ ގާނޫނެއް ހިލެސާބަހައް ޑުރާފުޓު ކޮށްދިނުމަށް ތައްޔާރަށް..ޔކ އެމްޕީ ނަށްވެސްއެހީވަން
ހޮޓްކިންގ
21 November 2018
ފާޑުފާޑުގެ ކޮމިޝަންތައް ހަދައިގެން ތިއުޅެނީ ވެރިކަމުގެ މުޅި ނިޒާމު ގަޑުބަޑުކުރަން. ހީވަނީ ހަދާނެ ނުހަދާނެއެއް ނޭނގިގެން އުޅޭހެން. ވެރިކަން ލިބުނީއްސުރެން އޮތީ ކުޅިވަރާއި މަޖާ. ރައްޔިތުން ބޭނުންވެފައިވާ ކަންކަމަށް މަސައްކަތް ކުރުމުގެ ޕްލޭނެއް ހާމަކުރުމެއްނެތް.
ދޮށީކޮއި ޢަލީގެ މުޙައްމަދު
21 November 2018
ފުރަތަމަވެސް ޤާނޫނާއި ޚިލާފް ދިވެހި ޖުމުހޫރިއްޔާގެ ޤާނޫން އަސާސީގަ އެބައޮތް ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ޖެހޭ ފަރާތް ތައް ވަރަށް ސާފްކޮށް ލިޔެފަ
ކޭކުބެ
20 November 2018
އޭސީ.ސީ.އޭ އޮއްވައި އިތުރު ތަނެއް ބޭނުމެއް ނުވޭ. ތިދަނީ ހަމަ ގޯހުން ގޯހަށް.
ޅޮސް
20 November 2018
އޭސީސީގެ ފޮލޯއަޕް ހަދާނީ މިނިވަން މުއައްސާސާތަކާ ބެހޭ ކޮމިޓިން
ޅިޔަނާ
20 November 2018
ނަންވާނީ ޔާމީން. ޕިސްޕިސް
ހާލަތު
20 November 2018
އަނެއްކާ އެނެއް ހަރަދު، މިކަހަލަ ކޮމިޝަންތައް އުފައްދަވާއިރު، ދައުލަތުގެ ހަރަދު ނޫންތޯ އިތުރުވަނީ، ރައްޔިތުންގެ ލާރި، ތި ކޮމިޝަންތަކުން އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ، އެކަމާއިމެދު އަޅާނެ ފިޔަވަޅެއްވެސް ޤާނޫނުގައި ލިޔުން ބުއްދިވެރި.
އަބްދޫ
20 November 2018
ގާނޫނުއަސާސީގ 115 ވަނަމާއްދާއިންބާރު ލިބިފައިވާ ކޮމިސަންތަކެއް އެ އުފެއްދީ . ކަމިސަން އުފެއްދުންރަނގަޅު . އެކަމަކު ކަމުދާގޮތަށް މައްސަލަތައް ބަލުން މައްސަލަޔަކީ
ޟީޖީ
20 November 2018
ހެޔޮނުވާނެ ތި ހުރިހާކަމެއް ނުކޮށް އޭސީސީގެ މެމްބަރުން ބަދަލުކުރޭ، އޭރުން ތި ހުރިހާކަމެއް ނުކޮށް ހެޔޮބަދަލެއް ގެނެވޭނެ
ދޮށީކޮއި ޢަލީގެ މުޙައްމަދު
21 November 2018
އަނެއްކާ ކޮމިޝަން ތަކޭ ކިޔާއިގެން ދައުލަތުގެ ބަޖެޓް ފައިސާތަކެއް ދޭނެބަޔަކު ހޯދީ ދޯ ހެޔޮނުވާނެ ކިތަށް މިލިޔަން ރުފިޔާ ތިދުއްވާލަނީ ކޮންމެހެން ކޮންހެން ފައިސާދޭންޖެހޭ ބަޔަކު ތިބިއްޔަ ދީބަލަ ކޮމިޝަނޭ މަހާނައޭ ނުކިޔާ
މަރޭމިތުރާ
20 November 2018
ކޮންގޮތަކަށް ބަލައިގެންތޯ ހިތައްއަރާ ތިޔަ ކޮމެޝަންށް މެންބަރުންތިލީ!!!!!
ކޭކުބެ
20 November 2018
ކަރަޕްޝަން ނައްތާލެވޭނީ ކޮރަޕްޓު ވެގެން. މިޝިޢާރުގެ ދަށުން.