"ސްނައިޕަރު"ގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަނެއް ހިންގަން ރާއްޖެ އައި ކަމަށް ބުނެ ޖަލަށް ލާފައި ހުރި ސްރީ ލަންކާގެ "ސްނައިޕަރު" ލަހިރު މަޑިޝަންކަރުގެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.


މަޑިޝަންކަރާ އެކު އެ މައްސަލައިގައި ހިމެނޭ މ. ލިލީ ޕާކް، ފަޒީލް ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.

މަޑިޝަންކަރުގެ ވަކީލު ފަރީޝާ އަބްދުﷲ "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މައްސަލަތައް ކޯޓުން ބޭރުކޮށްލާފައި ވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.

"އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވައިލީ ކަމަށް ބުނީ. ކޯޓުން ލަހިރު ދޫކޮށްލައިފި މިހާރު. އެކަމަކު އަދިވެސް އޭނާ ހުރީ މާލޭ ޖަލުގައި ބަންދުކޮށްފައި،" ވަކީލު ވިދާޅުވި އެވެ.

މަޑިޝަންކަރު ދޫކޮށްލާފައި މި ވަނީ އޭނާއާ ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރެއްވި ފަހުންނެވެ.

ޔާމީން އަވަހާރަ ކޮށްލުމުގެ ބޭނުމުގައި މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދައުވާއާ މެދު ކޯޓުން ގޮތެއް ނިންމިކަން އެނގިފައެއް ނެތެވެ.

ދައުލަތުން ބުނެފައި ވަނީ ޔާމީން އަވަހާރަ ކޮށްލުމަށް ރާވާފައި ވަނީ އަދީބާއި ފަޒީލާއި އިތުރު ބައެއް ކަމަށެވެ. މަޑިޝަންކަރުގެ ދައުރަކީ ޔާމީން އަވަހާރަ ކޮށްލަން އެއްބަސްވެ، ރާއްޖެ އައުމެވެ. އަދި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރުން ކަމަށް ދައުލަތުން ކުރިން ބުނެފައި ވެ އެވެ.