ރާއްޖޭގެ އާ ސަރުކާރާއި އިންޑިޔާ ގުޅިގެން މަސައްކަތް ކުރުމުގެ ސޮފްހާއެއް މިހާރު ފެށިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވި އާ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިންޑިއާއަށް ވަޑައިގެން، އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރޭޖާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އުފާވެރިކަމާއި ހިތްހަމަޖެހުން، އެ މަޝްވަރާތަކުން ފާހަގަކުރެއްވުނު ކަމަށެވެ. ނަމަވެސް ސުޝްމާއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާ ގުޅުން ގޯސްވެފައިވާ އަވަށްޓެރި އިންޑިއާއަށް ޝާހިދު ކުރައްވާ ދަތުރުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފަ އެވެ. މިއީ މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ދައުލަތުގެ ބަޖެޓުގެ ތާށިކަން ފިލުުވުމަށްޓަކައި އިންޑިޔާއިން 250 މިލިއަން ޑޮލަރާއި 350 ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށް ރާއްޖެއިން ވަނީ ބުނެފަ އެވެ. އިންޑިއާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް އެ ވަރުގެ އެހީއެއް ބޭނުންވާކަން މޯދީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ޔާމީންގެ ސަރުކާރުން ޗައިނާއާ ބޭއްވި ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ގޯސްވެފައިވާއިރު މި ސަރުކާރުން އެކަން ހައްލު ކުރާނެ ކަމުގެ ވައުދު ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންފަ އެވެ.