ބާލިދީއެއްގެ ތެރެއިން ފެނުނު ކުއްޖާގެ ހާލު ރަނގަޅު: ހޮސްޕިޓަލް

ގދ. ވާދޫގައި، އެ ރަށު އަންހެނަކު ވިހެއުމަށް ފަހު، ބާލިދީއަކަށް ލާފައި އޮއްވައި ރޭ ފެނުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ތިނަދޫ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ކައިވެނިން ބޭރުން ވިހެއުމަށް ފަހު ތުއްތު އަންހެން ކުއްޖާ ކަޅު ބާލިދީއެއްގެ ތެރެއަށް ލީ ފޫޅުދަނޑިޔާ ވެސް އެކުގަ އެވެ. ހޮސްޕިޓަލަށް ނުގޮސް ގޭގައި، އެކަނި ވިހެއި އެ އަންހެން މީހާ ފެނުނީ ފާޚާނާ ތެރޭގައި ހުއްޓަ އެވެ.

ވާދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އެ ދެމައިން ރޭ ވަނީ ތިނަދޫގައި ހުންނަ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި، އާމިނަތު އަބްދުލް ހަކީމް، "މިހާރު" އަށް ވިދާޅުވީ ތުއްތު އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އިތުރު އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެއީ ދުވަސްފުރާ ވިހާފައިވާ ކުއްޖެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ނޯމަލް ކުއްޖެއް. ބޭރުފުށުން ވެސް ނެތް އަނިޔާއެއް ފެންނާކަށް. ހަމަ ނޯމަލް ކުއްޖަކަށް ފަރުވާ ދޭ އުސޫލުން ފަރުވާ ދެމުން މި އަންނަނީ،" އާމިނަތު ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކުވެސް އުފަންވާތާ 48 ގަޑިއިރު ވަންދެން އެޑިމިޓްކޮށްގެން ބަލާ އުސޫލުން ބަލަމުން ދަނީ."

އަންހެން މީހާގެ ހާލުވެސް ރަނގަޅު ކަމަށް އައިމިނަތު ވިދާޅުވި އެވެ.

އެ ތުއްތު ކުއްޖާ ބާލިދީއަކަށްލީ މަރާލަން ކަމަށް ތުހުމަތު ކުރެވޭއިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ޖެންޑާ މިނިސްޓްރީން ރޭ ބުނެފައިވަނީ އެ ތުއްތު ކުއްޖާ އަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި ރޭ ކައިވެނިން ބޭރުން ވިހެއި އަންހެން މީހާ ކުރިން މީހަކާ އިނދެ ތިން ކުދިން ވެސް ތިބެ އެވެ.