ވިހަންދެން ކުރީ އިންކާރު، ފެނުނީ ވިހައިގެން އޮއްވާ!

ރޭ އިރާކޮޅު ހަތެއް ޖަހާކަންހާ އިރެވެ. ގދ. ވާދޫ ރަށު ތެރޭގައި ބިރުވެރި ހަބަރެއް ފެތުރުނެވެ. އެ ރަށު އަންހެނަކު ނަހަލާލަށް ބަލިވެ އިނދެ ވިހެއި ވާހަކަ އާއި އުފަންވި ތުއްތު ކުއްޖާ ބާލިދީއެއްގެ ތެރެއިން ފެނުނު ވާހަކަ އެވެ. ބާލިދީ ތެރޭ އެ ތުއްތު ކުއްޖާ އޮތީ ފޫޅުދަނޑި އާއި މަހާ ވެސް އެކުގަ އެވެ.


ރޭ އެ ވާހަކަ ފެތުރުނީ އެ އަންހެން މީހާ ވިހެއުމަށް ފަހު ދަރިފުޅު މަރައިލީ ކަމަށެވެ. ނަމަވެސް ފަހުން ކަށަވަރުވި ގޮތުގައި ދަރިފުޅު މަރައިލި ވާހަކަ ވީ ދޮގަކަށެވެ. އަދި އެ ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ވެސް ލިބިފައި ނުވާ ކަމަށް، މިހާރު ދެމައިންނަށް ފަރުވާދެމުން އަންނަ ތިނަދޫ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އުފަންވި ތުއްތު އަންހެން ކުއްޖާއަކީ ދުވަސްފުރާ ވިހާފައިވާ ކުއްޖެއް ކަމަށާއި ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ބާލިދީ ތެރޭގައި އޮތް ކުއްޖާ ފެނުނީ އަވަށްޓެރިއަކަށެވެ. އޭނާ އެ ގެއަށް ދިޔައީ، އަންހެންމީހާ ވިހެއުމަށް ފަހު، ދަަރިއެއް ކައިރީ، ގޭދޮށު މީހަކު ގެންނަން އެދުމުން، އެ ކުއްޖާ ގޮސް ބުނުމުން ކަމަށްވެ އެވެ.

ވާދޫ އެ އަންހެން މީހާ ކުރިން އުޅުނީ ހދ. އަތޮޅު ރަށެއްގެ މީހަކާ އިނދެގެން އެ ރަށުގަ އެވެ. އުމުރުން 30 އަހަރުގެ އަންހެންމީހާގެ އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އެ ކުދިންގެ އުމުރު އުޅެނީ 10 އަހަރުން ދަށުގަ އެވެ. ކައިވެނި ރޫޅުމުން ތިން ދަރިންނާ އެކު އަންހެންމީހާ ވާދު އަށް ބަދަލުވިތާ އަދިވީ ދެ އަހަރެއްހާ ދުވަހެވެ.

"އޭނާއަކީ ކުދިންނަށް ވަރަށް ހެޔޮ މަންމައެއްގެ ގޮތުގައި ބެލެވެނީ. ކުދިންގެ ކަންކަން ބަލައި ވަރަށް އޯގާތެރި މީހެއް ކަމަށް އެނގިފައި އޮތީ،" ވާދޫ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

އެހެންކަމުން ރޭ ހިނގި ހާދިސާއާ އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

ވާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ފެންނަ ފެނުމަށް އޭނާ ބަނޑުބޮޑުހެން ހީވާތީ ވަރަށް ގިނަ މީހުން އޭނާއާ އެ ސުވާލު ވެސް ކުރެ އެވެ. ނަމަވެސް ރޭ ވިހެއުމާ ހަމައަށް ވެސް އޭނާ އައީ އެކަމަށް އިންކާރު ކުރަމުން ކަމަށްވެ އެވެ.

"ވަރަށް ފަހުން ވެސް އޭނާ ކައިރީ ބަނޑު ބޮޑީހޭ އެހީމަ ވަރަށް ހިތްހަމަނުޖެހިގެން ބުނީ ތިއީ ހީވާ ގޮތޭ. މި ރަށު މީހުން ކިޔާ އެއްޗެކޭ. ބަނޑުބޮޑު ނަމަ މިހާރު ވިހާފާނެ ނޫންހޭ. އޭނާ އެއްބަހެއް ނުވޭ،" ވާދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ވަރަށް ފަހުން ވެސް އޭނާ ކައިރި ބަނޑުބޮޑީހޭ އެހީމަ ވަރަށް ހިތްހަމަ ނުޖެހިގެން ބުނީ ތިއީ ހީވާގޮތޭ. މިރަށު މީހުން ކިޔާ އެއްޖެކޭ. ބަނޑުބޮޑުނަމަ މިހާރު ވިހާފާނެ ނޫންހޭ. އޭނާ އެއްބަހެއް ނުވޭ،"

ވާދޫ މީހުން ބުނާ ގޮތުގައި އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެ ރަށަށް މަސައްކަތެއް ކުރަން ގޮސް އުޅުނު އެ އަތޮޅު އެހެން ރަށެއްގެ ފިރިހެނަކާ އެވެ. އެ އަންހެން މީހާއަކީ ތިން ފަހަރު ވިހާފައިވާ މީހަކަށް ވާއިރު ބަނޑުބޮޑުވުމުން އޭނާ އަށް އެކަން އެނގޭނެ ކަމަށާއި ގަސްތުގައި އެކަން ސިއްރު ކުރީ ކަމަށް އެ ރަށު މީހުން ބުނެ އެވެ.