އަދީބާއި ހުސެއިން ވަހީދުގެ ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ބަރުބާދުކުރުން: ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު، ދުރާލާ ރާވައިގެން ގިނަ އަމަލުތަކެއް ހިންގެވި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ނާޒިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރުގެ ބޮޑެތި ތުހުމަތުތަކެއް މިއަދު އަމާޒުކުރައްވައިފި އެވެ.


ގ. އެނިފްގޭގައި ހުންނަ ނާޒިމްގެ ކޮޓަރިން ޖެނުއަރީ 2015 ގައި ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް އޭނާ ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އެ މައްސަލައިގައި ބޭއްވި ފުރަތަަ އަޑުއެހުމުގައި ދައުލަތުން ބުނީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާތީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ ގޭގެ ކޮޓަރި ތެރޭގައި ހުރި ވަތްގަނޑެއްގައި އޮތް ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނުނު މައްސަލައިގައި އޭނާ ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރި އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން، 2016 ވަނަ އަހަރު އެ ކޯޓުގެ ރަޖިސްޓްރާގެ ލިޔުމަކުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި، ނާޒިމްގެ ވަކީލުން އެ ކޯޓަށް ހުށަހެޅުމުން މައްސަލަ މިހާރު ވަނީ ބަލައިގެންފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު، ނޫރު އެންމެ ބޮޑަށް ތުހުމަތު ކުރެއްވި ދެ ބޭފުޅުންނަކީ ވެސް އަދީބާއި ހުސެއިން ވަހީދެވެ.

ނާޒިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކަރު (ކ). --- ފޮޓޯ: މިހާރު

"ރޭވީ، ނާޒިމްގެ ސިޔާސީ ހަޔާތް ބަރުބާދުކުރަން"

ނޫރު ވިދާޅުވި ގޮތުގައި، އަދީބާއި ހުސެއިން ވަހީދު އިސްވެ ތިއްބަވައި ނާޒިމް ފްރޭމް ކުރީ ސިޔާސީ ހަޔާތް ބަރުބާދުކޮށްލުމުގެ ބޭނުމުގަ އެވެ.

ނޫރު ވިދާޅުވީ ނާޒިމްގެ ކޮޓަރިން ފިސްތޯލާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނިފައިވާއިރު، އެއީ ނާޒިމްގެ އަތުން ފެނުނު އެއްޗެއް ކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. ފިސްތޯލާއި ވަޒަނާއި ޕެންޑްރައިވް ފެނުނީ ދަބަހަކުން ކަމަށްވިޔަސް ވެސް ނާޒިމްގެ ޑީއެންއޭ އާއި ފިންގަޕްރިންޓް އެ ދަބަހުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އޭނާ އާއި އަނބިކަނބަލުންނާއި ދަރިންގެ ވެސް ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށާއި ދަށު ކޯޓުން ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ ފިސްތޯލައަކީ އޭނާގެ އެއްޗެއް ނޫން ކަން ސާބިތުކޮށް ނުދެވުމުންނާއި އެހެން މީހަކާ އެ ފިސްތޯލަ ގުޅުމެއްވާ ކަން ސާބިތުކޮށްދެވިފައި ނުވާތީ ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.

ނަމަވެސް، ފުލުހުންގެ ތަހުގީގު ރިޕޯޓުން ފިސްތޯލައިން ނާޒިމްގެ ބަދަލުގައި އަދީބުގެ ޑީއެންއޭ ފެނުމަކީ އެ ފިސްތޯލަ ތިންވަނަ ފަރާތަކާ ގުޅޭ ވަރަށް ބޮޑު ހެއްކެއް ކަމަށް ނޫރު ވިދާޅުވި އެވެ. މިއީ، ނޫރު ވިދާޅުވި ގޮތުގައި، އަދީބާއި ހުސެއިން ވަހީދު ރާވައިގެން ނާޒިމް ފްރޭމް ކުރަން ކުރި ކަމެކެވެ.

ނާޒިމް ފްރޭމް ކުރި ސަބަބުތައް ތަފްސީލްކޮށް ދެއްވައި، ނޫރު ވިދާޅުވީ ގ. އެނިފް ބަލައި ފާސް ކުރި ރޭ އަދީބު "ދާހިތްލައި ފޯވެ ހުންނަވައި" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒްގެ ގެއަށް ވަޑައިގެން، ނާޒިމް، އޭނާ މަރާލަން އުޅޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އޭގެ ފަހުން، އަދީބާއި ހުސެއިން ވަހީދާއި މުހުތާޒް ކާރެއްގައި ނާޒިމް ދިރިއުޅުއްވާ ގެ ކައިރިއަށް ވަޑައިގެންނެވި ކަމަށް ނޫރު ވިދާޅުވި އެވެ.

ނާޒިމް ގޭގައި ފިސްތޯލައެއްވާ ކަމުގެ މައުލޫމާތު ހުސެއިން ވަހީދަށް ދެއްވީ އަދީބު ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސީދާ ހުސެއިން ވަހީދުގެ އޯޑަރަށް ކަން ވެސް ނޫރު ވިދާޅުވި އެވެ. ނޫރު ވިދާޅުވި ގޮތުގައި، ގ. އެނިފް ބަލައި ފާސްކުރިއިރު، ފުލުހުން އަމަލު ކުރީ ވެސް ޝައްކު އުފެދޭ ގޮތަކަށެވެ.

އެގޮތުން، ނާޒިމް ދިރިއުޅުއްވާ ކޮޓަރި ބަލައި ފާސްކުރަން 10-15 މިނިޓު ފުލުހުން ހޭދަކުރިއިރު، ނާޒިމް ބަހައްޓާފައި ހުރީ ކޮޓަރި އެތެރޭގައި ހިނގާ ކަންކަން ނުފެންނަ ގޮތަށް ދުރުގައި ކަމަށް ނޫރު ވިދާޅުވި އެވެ. ކުއްލިއަކަށް ނާޒިމް ގޮވައިގެން ފުލުހުން އެ ކޮޓަރިއަށް ވަދެ، އެނދު ކައިރީ ހުރި ތަޅު ނުލެވޭ ކަބަޑަކުން ކަޅު ދަބަހެއް ނަގައި، އެނދު މަތީ ބާއްވައި އެއީ ކާކުގެ އެއްޗެއްތޯ ސުވާލު ކުރި ކަމަށް ނޫރު ވިދާޅުވި އެވެ.

ނޫރު ވިދާޅުވީ އެ ކޮޓަރިއަކީ މީހުން އާންމުކޮށް، ވަދެ އުޅޭ ކޮޓަރިއެއް ކަމަށްވާއިރު، ތަޅު ނުލެވޭ ކަބަޑެއްގައި ފިސްތޯލައެއް ބޭއްވުމަކީ ބުއްދި ވެސް ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، މިއީ ނާޒިމްގެ ސިޔާސީ ހަޔާތް ބަރުބާދު ކުރުމަށް އަދީބާއި ހުސެއިން ވަހީދު ރޭވި އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އޮފިސަރަކާ ހަވާލާ ދެއްވައި، ނޫރު ވިދާޅުވީ ކަޅު ދަބަސް ގެންގުޅުނީ އާސިފް ކިޔާ ފުލުހެއް ކަމަށެވެ. ކަޅު ދަބަސް ގެންގުޅުނީ އާސިފްގެ "އަންބޮނޑީގައި" ކަމަށް ނޫރު ވިދާޅުވި އެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް އަދީބު، ޕޮލިސް ކޮމިޝަނަރަކަށް ހުސެއިން ވަހީދު ހުންނެވުމުގެ ސަބަބުން އެއީ ދެ ބޭފުޅުންނަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، ކޮއްކޮ އާދަމް އާޒިމް ގައިގައި ބައްދާލައްވަނީ. --- ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިމެންދެން ނާޒިމް ވަނީ އެ ކޯޓުން މިނިވަންކޮށްފައި. --- ފޮޓޯ: މިހާރު

ނޫރު ވިދާޅުވީ ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު ފަހުން، އޭނާ އަށް މެލޭޝިއާ އަދި އެމެރިކާގައި ރަޖިސްޓްރީކޮށްފައި އޮންނަ ނަންބަރުތަކުން ގުޅައި، އުނދަގޫކޮށް ހެދި ކަމަށެވެ. އަދި އެ ނަންބަރުތަކުން ނާޒިމަށް މެސެޖްކޮށް "އެހެން ދިމާވީ" ފޯނު ނުނެގީމަ ކަމަށް ބުނި ކަމަށް ވެސް ނޫރު ވިދާޅުވި އެވެ. ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނަސް، އޭނާ ހައްޔަރު ކުރީ އޭގެ ތިން ހަފްތާ ފަހުންނެވެ.

މިގެއިތުރުން ނާޒިމް އޭރު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އަދީބު އިސްވެ ހުންނަވައި، އެ މަގާމުން ވަކިކުރަން މަސައްކަތް ކުރިކަން އެނގޭ ކަމަށް ނޫރު ވިދާޅުވި އެވެ. މިއީ ރުޅިވެރިކަމުގެ ތެރެއިން ހިނގާފައިވާ ކަންތައްތަކެއް ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަދީބާއި ނާޒިމް ބައިވެރިވެވަޑައިގެންނެވި ކޮންފަރެންސް ކޯލެއްގައި ނާޒިމަށް "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ، އަދީބު އިންޒާރު ދެއްވި ކަމަށާއި އެކަމަށް އުމަރު ނަސީރު ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށް ވެސް ގާނޫނީ ވަކީލް ނޫރު ވިދާޅުވި އެވެ. އެކަމަކު، ހައި ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި އުމަރު ނަސީރު ހާޒިރުކޮށް ސުވާލުކޮށްފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނޫރު ވިދާޅުވީ ބ. ހިނބަޅިދޫ ފެނުނު ފިސްތޯލަތަކާއި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާ އެއްގޮތް ސިފަތަކެއް ހުރި ކަމަށެވެ. އެކަން، އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވެސް ފާހަގަ ކުރެއްވިއިރު، ހައި ކޯޓުގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުން އިހްސާންގެ އެ ވާހަކަ އުނިކޮށްފައިވާ ކަމަށް ނޫރު ވިދާޅުވި އެވެ.

ނޫރު ވަނީ ނާޒިމް ފްރޭމް ކުރުމުގައި ބައިވެރިވި މީހުން ކޯޓަށް ހާޒިރު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެބޭފުޅުން ހާޒިރު ނުކުރިޔަސް، މިހާރު ހުރި ކަންކަމަށް ރިއާޔަތްކޮށް ނާޒިމާ އެއްކޮޅަށް މައްސަލަ ނިމިގެންދާނެ ކަމަށް ގަބޫލު ކުރައްވާތީ އެވެ.

ދައުލަތުގެ ވަކީލް މުހައްމަދު ނާޝިދު ވިދާޅުވީ ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ހިނގަމުން ދިޔައިރު، ޑީއެންއޭ ރިޕޯޓް ހުށަނޭޅުނީ އޭރު އެ ރިޕޯޓް ލިބިފައި ނުވާތީ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޑީއެންއޭ ރިޕޯޓް ލިބުނީ ނާޒިމްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިން ހިނގަމުން ދަނިކޮށް ކަމަށާއި އެކަމަކު ރިޕޯޓު ހުށަހަޅަން އަޑުއެހުމެއް ބާއްވަން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އެހެންވެ، ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނީ، ނާޒިމްގެ ޖަލު ހުކުމުގެ މައްސަލައިގައި އިންސާފުވެރި، އަދުލުވެރި ހުކުމެއް އިއްވައި ދިނުމަށެވެ. ނާޒިމްގެ ވަކީލުން އެދުނީ މައްސަލަ ބާތިލްކޮށް ދިނުމަށެވެ.

ދައުލަތުގެ ވަކީލް ހަސަން ނާޝިދު ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ނާޒިމްގެ މައްސަލަ ކުރިއަށް ގެންދިޔައިރު، ނާޒިމް ފްރޭމް ކޮށްފައިވާކަން ސާބިތު ކޮށްދެވޭ ވަރުގެ ހެއްކެއް ހުށަހަޅައިފައެއް ނެތެވެ. އަދި، ނާޒިމް ފްރޭމް ކޮށްފައިވާކަން އެއްވެސް މީހެއްގެ ހެކިބަހުން ވެސް ސާބިތު ކޮށްދީފައި ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.