ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު 29 މިލިއަން ރުފިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ކަމަށް ވިދާޅުވި ވާހަކަ، މައުމޫން ރިފޯމް މޫވްމަންޓުން ދޮގުކޮށްފި އެވެ.
ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިނގިލީ ދާއިރާގެ މެމްބަރަކަށް އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި އެކަމަށް ހުރަސް އަޅުއްވާ ބޭފުޅަކަށް މައުމޫން ވެވަޑައިނުގަންނަވާނެ ކަމަށެވެ. އެ ވާހަކައަށް ބާރު ދެއްވުމުގެ ގޮތުން ޖާބިރު ދެން ލިއުއްވީ އެމްޑީޕީ ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ކެމްޕޭންކުރަން މައުމޫނަށް އޭނާ 29 މިލިއަން ރުފިޔާ ދެއްވި ކަމަށެވެ.
އެކަމަކު އެ ވާހަކަ ދޮގުކުރަން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ ޖާބިރު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ރިޔާސީ ކެމްޕެއިނަށް މައުމޫނާއި އެމްއާރުއެމްގެ ޓީމަށް ޖާބިރު އެއްވެސް ފައިސާއެއް ދެއްވާފައި ނުވާ ކަމަށް ވެސް އެމްއާރުއެމުން ބުންޏެވެ.
ޖާބިރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރަކީ ވެސް އޭނާ އެވެ.
ޖާބިރު ދާދި ފަހުން ވަނީ އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައްވާނެ ކަން ވެސް އިއުލާން ކުރައްވައިފަ އެވެ.