އިއްޔެ މާލެއަށް ރިކޯޑް އަދަދަކަށް ވާރޭވެހުނު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
އިއްޔެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށް މާލެއަށް މުޅިއަކު 223.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އެ އޮފީހުން ބުންޏެވެ. އެތަނުން ބުނީ އާންމުކޮށް މާލެއަށް އެންމެ ގިނައިން ވެސް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައި ނުވާ ކަމަށެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަބުކަން އެނގޭ ގޮތުގައި މީގެ ކުރިން މާލެ އަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ 11 ޑިސެމްބަރު، 1998 ގައި 200 މިލިމީޓަރަށެވެ. ނަމަވެސް ރާއްޖޭގެ ރަށަކަށް އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ 24 ނޮވެމްބަރު، 2015 ގައި ކަމަށް ވެސް އެތަނުން ބުންޏެވެ. އެއީ ސ. ގަމަށް ވެހުނު 228.4 މިލިލީޓަރުގެ ވާރޭ އެވެ.

އިއްޔެ 11 ޖަހާކަން ހާއިރުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން މާލެއަށް މެދުނުކެނޑި ވެހުނު ބޯ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް އެކިވަރުގެ ގެއްލުންތައް ވެފައި ވެއެވެ. އަދި މާލޭގެ މަގުތަކުގައި ޕާކުކޮށްފައިވާ ގިނަ އަދަދެއްގެ ސައިކަލު ފެންގަނޑާ އެކު އޮޔާ ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ.
މާލޭގައި އިއްޔެ ފެންބޮޑުވި ހާދިސާ ކާރިސާއެއްގެ ގޮތުގައި ބަލައިގެން ޑިފެންސް މިނިސްޓްރީން ވަނީ ފެން ހިއްކުމުގެ މަސައްކަތާއި، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. މި ހާދިސާގައި މުޅިއަކު 160 އާއިލާއަކަށް ވަނީ އަސަރުކޮށްފަ އެވެ.