ރޮޒައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ސިޔާސީ ޕާޓީތަކުގެ ގާނޫނަަށް ގެނައީ "ޖޯކު" އިސްލާހެއް ކަމަށް ރޮޒައިނާ އާއި އިންތި ވިދާޅުވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން
17 އޯގަސްޓް 2016 - 16:11
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ނުޖަހައި ސިޔާސީ ޕާޓީތަކަށް ވަދެފައި ތިބި ހުރިހާ މެމްބަރުން ވަކިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިސްލާހާ އެކު އެތައް ބައެއްގެ ސިޔާސީ ފިކުރު ވެސް ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ އިސްލާހު ކުށްވެރިކުރައްވައި ރޮޒައިނާ ވިދާޅުވީ ކުރީގައި ހިނގާފައިވާ ކަންކަމަށް ފަހުން ގާނޫނު ހަދައިގެން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތައް 2005 ވަނަ އަހަރު އުފައްދައި ޕާޓީތަކަށް މެމްބަރުން ވަނީ އޭރު އޮތް ގާނޫނުގެ ދަށުން ކަން ފާހަގަކުރައްވައި ވިދާޅުވީ ޕާޓީތަކަށް ވަދެވޭނީ އިނގިލީގެ ނިޝާން ޖަހައިގެން ކަމަށް އޭރު އަމަލުކުރި ގަވާއިދާއި އުސޫލްތަކުގައި ނެތް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އިނގިލީގެ ނިޝާން ޖަހައިގެން ޕާޓީތަކަށް ވަންނާނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުން ކަމަށް ސާފުކޮށް ލިއެފައިވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
"އެކަމަކު މިހާރު މި ބަދަލުވެގެން ދިޔައީ، ކުރީގައި ވަދެފައި ތިބި ހުރިހާ އެންމެންނަކީ ޕާޓީތަކުގައި ނެތް ބައެއްގެ ގޮތުގައި. އެހެންވީމަ އެތައް ބައެއްގެ ހައްގުތައް ގެއްލިގެން މިދަނީ. މިއީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.
މިގޮތަށް ގާނޫނަށް ބަދަލު ގެނައުމުން އެމްޑީޕީގެ ފަރާތުން ވެރިކަން ކުރެއްވި ރައީސުންނަކީ ވެސް އެމްޑީޕީގެ މެމްބަރަކަށް ނުވޭ. އަދި އެމްޑީޕީ އުފެއްދުމުގެ ބާނީކަމަށްވާ އަޅުގަނޑުމެންގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވެސް ޕާޓީ މެމްބަރަކަށް ނުވޭ. މިއީ ވަރަށް ހެއްވާ ކަމެއް ނޫންތޯ. --އިންތި
އިސްލާހާ ދެކޮޅަށް އިންތި ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
އޭނާ ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމް އުފެދުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އުފެދުނު ފަހުން ކަމަށް ވާތީ، އެ ޕާޓީ އަށް ވަން ހުރިހާ މެމްބަރުން ވެސް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ. ގާނޫނަށް އިސްލާހު މި ގެނައީ، ޕީޕީއެމް އުފެދުމުގެ ކުރިން ވުޖޫދަށް އައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ޕާޓީތަކުން ވަކިކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަން ފާހަގަކުރައްވައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެ ޕާޓީ އުފެއްދީ އޭރު ޕާޓީތައް އުފައްދަން އޮތް ގަވާއިދާ އުސޫލަށް ތަބާވެ، އެގޮތަށް ކަމަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މެމްބަރުން އެންމެ ގިނަ ޕާޓީއަކީ މިހާރު ވެސް އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ކަންބޮޑުވުމަކީ އެމްޑީޕީ އަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮންނަ އޮތުމާ މެދު،" އިންތި ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ގެނައި އިސްލާހަކީ، އިންތި ވިދާޅުވި ގޮތުގައި، "ވަރަށް ޖޯކު" އިސްލާހެކެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، އެ އިސްލާހަކީ "ދިވެހި ހުރިހާ ރައްޔިތުން ވަކި މުއްދަތެއްގެ ތެރޭގައި އައިޑީކާޑު ހަދަން އަންގައި، އެ މުއްދަތުގައި އައިޑީކާޑު ނުހައްދާ އެންމެންނަކީ ދިވެހި ރައްޔިތުން ނޫން ކަމަށް ނިންމުން" ފަދަ އިސްލާހެއް ކަމަށެވެ.
"މިގޮތަށް ގާނޫނަށް ބަދަލު ގެނައުމުން އެމްޑީޕީގެ ފަރާތުން ވެރިކަން ކުރެއްވި ރައީސުންނަކީ އެމްޑީޕީގެ މެމްބަރަކަށް ވެސް ނުވޭ. އަދި އެމްޑީޕީ އުފެއްދުމުގެ ބާނީންކަމަށްވާ އަޅުގަނޑުމެންގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ފަދަ ބޭފުޅުން ވެސް ޕާޓީ މެމްބަރަކަށް ނުވޭ. މިއީ ވަރަށް ހެއްވާ ކަމެއް ނޫންތޯ؟" އިންތި ސުވާލު އުފެއްދެވި އެވެ.
އިންތި ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ސައްހަ އެއްޗެއް ކަމަށް އަދި އެއަށް އަމަލުކުރަން ޖެހޭ ކަމަކަށް އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަބީބު
18 August 2016
އެއްވެސް ބައެއްގެ އެއްވެސް ފިކުރެއް އެއްވެސް މީހަކަށް ނިގުޅައިނުގަނެވޭނެއެވެ. ނިގުޅައގަނެވޭނީ އެފިކުރު އާންމުކޮށް ފެތުރުމާއި އެއަށް އަމަލީސިފަގެނައުމުގެ ޙައްޤެވެ.
މެންޓަލިސްޓް
17 August 2016
ދަންނަވަންތޯ ވާހަކައެއް ސިޔާސީޕާޓީއެއްގެ މެންބަރަކަށް ވަނީ ފޯމްއެއްގައި ސޮއިކޮށް ފިންގަރޕްރިންޓްޖެހީމަކާނޫން ،، އެއީ ހިތާހިރުގެ ގުޅުމެށް ،، އެބަޔަކު ސަޕޯޓްކުރާބަޔަކަށް ކުރާނެ .. މިސާލަކަށް 2013 ވަނައަހަރުގެ ރިޔާސީއިންތިޙާބްގައި އެމް.ޑީ.ޕީއަށް 95000 ވޯޓްލިބުނު ،، އެއީހުސް އެޕާޓީގެ ފޯމްފުރައިގެން ތިބިމެންބަރުންނެއްނޫން ،،، އެއީ ހިތާރޫހުން ސަޕޯޓްކުރިމީހުން ،، ވީމަ ތިޔަބިލްއަކީ އަސްލު މޮޔައިންތަކެށް ތިބެކުރި މޮޔަޙިޔާލެއްގެ މައްޗައްފާސްކުރި ބިލްއެކޭ ދެންނެވޭނީ ،، ވަރަށް ސަލާމް
ސަލީމް
17 August 2016
ޕާޓީ ބޮޑުވެގެންގޮސް، ހެންވޭރުކޮޅުގައި މީހުން ތޮއްޖިގެންގޮސް، އެހިސާބު ގަނޑު އަރިއަޅާލާ ވަރަށް މީހުން އެއްކުރުމުގެ ޤާބިލްކަން ހުރި ޕާރޓީއަކަށް، ފޯމްފުރާލާފަ 50 ހާސް މީހުން އަލުން ހަމަކުރުމަކީ މާ ބޮޑުކަމަކަށް ވެގެން ނުވާނެ. އޭރުން އެއްފަހަރާ ތިޔަބުނާ ޚައްޤުތައްވެސް ލިބުނީ ނޫންތޯ. މިވަރުކަމެއް މާ ބޮޑުކަމަކަށް ހަދާގެން ތިޔައުޅެނީ.
އަސަދުﷲ
17 August 2016
ބޭނުމި ކަލޭމެންގެ ކިބައިން މިންޖުވާން. ކަލޭމެނާއި ކަލޭމެންގެ ހުޅަނގުގެ ވެރިންގެ ކިބައިން ސަލާަމަތް ވާން.
ދުރުވޭ
17 August 2016
ސިޔާސީ ޕާޓީތަކުގެ އިސްލާހުން އެތައް ބައެއްގެ ސިޔާސީ ފިކުރު ވެސް ނިގުޅައިގެންފި ކަމަށް ރޮޒޭނާ ވިދާޅުވާއިރު ބަޔެއްގެ ހައްގު ތަކެއް ގެއްލިއްޖެނަމަ ސްޕްރީމް ކޯޓަށް ދުރުވަންވީ ނޫންތޯ އެކަން އެޕީލް ކުރަން. އެއީ ނޫންތޯ އެކަން އޮންނަ ގޮތަކީ. ރަންކޮޅާ މަޑުނުކޮށް އަވަހަށް ސްޕްރީމް ކޯޓަށް ދުރުވޭ.
ޑޮނާޑް
17 August 2016
މިގޮއްޔެ އެއްވެސް ގާނޫނެއްނެތި އެހުރީ ސިޔާސީ ފިކުރު އަމިއްލައަށް ނިގުޅައިގަނެ ގުދޯގުދޯ ގޮވަފާ ދެން އެހެންމީހުންގެ ފިކުރު މިގުޅައިގަތަސް ކޮބާ މައްސަލައަކީ.
މެދުފުޅަށް
17 August 2016
ތިޔަވާހަކަ ދައްކަން ނުތިބެ ގާނޫނު އަސާސީއާ ޚިލާފްވާ ބިލް ތަކުގެ މައްސަލަ އެމްޔޫއޯ އިން ކޯޓަށް ވައްދަބަލަ! އޭރުން އިނގިދާނެ ތިޔަ މައްސަލައާމެދު ކޯޓުތަކުން ދެކޭގޮތްވެސް.
ގޯގޯގޯ
17 August 2016
އެތައް ބަޔެއްގެ ސިޔާސީ ފިކުރު ނިގުޅައިގެން ފިކަމަށް ބެލެވޭނަމަ ސްޕްރީމް ކޯޓަށް އަވަހަށް ވަަޑައިގެން އެޕީލް ކުރައްވާ. އެއީ ޑިމޮކްރަޓިކް މުޖުތަމައު ތަކުގައި މިކަން ކުރާ ގޮތަކީ. އަވަސް ކުރައްވާ އަވަސް ކުރައްވާ..
ސައްޕު
17 August 2016
އިގިލީގެ ނިޝާން ނެތް މީހުން ސިޔާސީ ޕާޓީތަކުން ވަކިކުރާތީ ރީދޫ ޕާޓީ މީހުން އެހާ ހާސްވަނީ ކީތްވެ؟ ޕާޓީގެ އެންމެން ވަކިކުރިޔަސް، ތިޔަހާ ޑިމާންޑް ބޮޑު ޕާޓީއެއްވިއްޔާ، ބޭންކްދޮށުގައި ޑޮލަރު ކިޔު ދަމާލާހެން ތިޔަ ޕާޓީއަން މީހުން ވަންނަށް ކިޔު ހަދައިގެން ދެތިން ހަފުތާ ތެރޭގައި މިހާރު ޕާޓީގައި ތިބި މީހުންނަށް ވުރެވެސް ގިނަ މީހުން ވަދެދާނެނުން!
އަލްޖިބްރާ
17 August 2016
ބަލަ މީހަކު ބުނެފާ އެބަވެއޭ ! " އެމް.ޑީ.ޕީ މިވުޖޫދުންވެސް ފޮހެލާނަމޭ " ! އެންވީމާ ތިހުންނަނީ ރާވައިގެން ހިންގާ ޖަރީމާ !
އަޖައިބު
17 August 2016
ފޮހެލަން ނުޖެހޭ ސަބަބެއް ވިދާޅުވެ ބައްލަވަ؟ ވުޖޫދަށް އައިސް ސުރެ އިހަކާ ދުވަހާ ޖެހެންދެއް ގައުމު ހިންދެމިނުލެވޭވަރަށް ބައިބައިކޮށް ތަރައްގީގެ ހުރިހާކަމެއްހެން ހުރީ ހުއްޓިފައި. ދެލޮލަށް ފެންނަ އެއްޗެހިވެސް ފަހުމު ނުވަނީތޯ؟
ޝަރީފާ
17 August 2016
އަޅެ މީނަ ހަމަ ލަދެއް ނުގަނޭތަ މިވައްތަރަށް އުޅެން. މާރިޔާއްތަ މެންވެސް މިހާރު ކުރިޔާ ބަލާއިރު އިސްލާހުވެފައި ވިއްޔާ ތިބީ.