ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ފާސްކޮށްފި

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލް ކޮމިޓީން ފާސްކުރީ އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ. އަދި މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްކުރަން ފެނޭތޯ ވޯޓަށް އަހަން ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.

އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓް ކަމަށް އިސްލާހުގައިވެ އެވެ.

ޕެންޝަން ސްކީމްގައި ހިމެނޭ މީހުންގެ ތެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަމެންޓް ސޭވިން އެކައުންޓްގައި ޖަމާކޮށްފައިވާ ފައިސާ ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންކުރެވޭނެ އިންތިޒާމު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސައި، ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަން ވެސް ބިލްގައި ބުނެފައިވެ އެވެ.

އަސްލަމް ހުށަހެޅުއްވި ބިލުގެ މަގުސަދަކީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި މެމްބަރުން ވިދާޅުވި ގޮތުގައި، ޕެންޝަން ފަންޑުގައި 11 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިއިރު، ރައްޔިތުން ބޭނުންވާ ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭނެ ގޮތް ހަދަން ޖެހެ އެވެ. އަދި ޕެންޝަން ސްކީމްގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ މީހާގެ އާއިލާގެ މެމްބަރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް އޮތުމަކީ ވެސް މުހިންމު ކަމެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.