ރިޔާސީ ކޮމިޝަންތަކުގެ ބިލް އެޖެންޑާ އިން ނަގައި އަލުން ކޮމިޓީ އަށް

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރުންތަކެއް ވިދާޅުވުމާ ގުޅިގެން، އެ ބިލް އެޖެންޑާ އިން ނަގައި އަނބުރާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންވެ، އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އެ ބިލަށް ވޯޓަށް ނޭހޭނެތީ މިއަދުގެ ޖަލްސާގެ އެޖެންޑާ އިން އެ ބިލް ނަގާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލާ މެދު ކޮމިޓީން އަލުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އެ ކަން ނިމިގެން އައީމާ އަޅުގަނޑު އެ މައްސަލަ ކުރިއަށް ގެންދާނަން،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ ގާސިމް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ބިލަކަށް ވާތީ، މަޖިލިހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިއްބަވަން ޖެހެ އެވެ. އެއީ މިހާރު މަޖިލިހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ.

ގާނޫނުއަސާސީގެ 86 ވަނަ މާއްދާގެ (ށ) އާއި މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

އެ ބިލަށް ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ އަދަދު ހަމަނުވެގެން ބިލަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

އެކަމަކު، މިއަދުގެ ޖަލްސާގައި 69 މެމްބަރުން ތިއްބެވި އެވެ.

ބިލް މަޖިލިހަށް ހުށަހެޅިއިރު، ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އެކަމާ މެދު އިދިކޮޅު ފަރާތްތަކުގެ އިތުރުން ކޯލިޝަން ސަރުކާރުގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.

ބިލުން ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް އޮތް ބޮޑެތި ބާރުތަކެއް ނެގިޔަސް، ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ ކަމަށް ބިލްގައި މިހާރު ވަނީ ބުނެފަ އެވެ.

ކޮމިޓީން އެގޮތަށް ބަދަލު ގެނައިއިރު، އެންމެ ފުރަތަމަ ބިލް ހުށަހެޅި އިރު އޮތީ ކޮމިޝަންތަކުން ކުރާ ތަހުގީގުތަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް، ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ފުރުސަތު ވެސް ކޮމިޝަންތަކަށް ލިބޭ ގޮތަށެވެ.

މީގެއިތުރުން ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ބާރު ވެސް އޮތީ ބިލުން ދީފަ އެވެ.

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އެކަމަކު ކޮމިޓީން ބިލަށް ބަދަލު ގެނައި އިރު، އެ ހުރިހާ ބާރުތަކެއް ވަނީ އުނިކޮށްފަ އެވެ.

ނަމަވެސް ރިޔާސީ ކޮމިޝަންތަކުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ކޮމިޝަނުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެ ނޫން ވެސް ތަކެތި ހުށަހަޅަން އެންގުމުގެ ބާރު އޮވެ އެވެ.

ބިލްގައިވާ ގޮތުން ރިޔާސީ ކޮމިޝަން އެކުލެވިގެން ވަނީ އެވަގުތަކު، ރައީސް ކަނޑައަޅުއްވާ މެމްބަރެއް ނުވަތަ މެމްބަރެއްގެ މައްޗަށެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސް އެވެ. އަދި މެމްބަރުން އިތުރު ކުރުމާއި މަދު ކުރުމުގެ ބާރު ވެސް ބިލުން ދީފައި އޮތީ ރައީސް އަށެވެ.

ކޮމިޝަނަކުން ކުރާ ތަހުގީގަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން، އެމީހުންގެ ދިފާއުގައި ވާހަކަ ދެއްކުމާއި ލިޔެކިޔުންތައް ހުށަހެޅުމާއި ހެކިން ހާޒިރު ކުރުމާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ފުރުސަތު ހޯދުމުގެ ހައްގާއި ޖިނާއީ ތުހުމަތެއް ހިމެނޭ މައްސަލައެއް ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެމީހަކަށް ހައްގުތައް ލިބިގެންވާ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި ކޮމިޝަނަކުން އަންގާ އެންގުމަކާ ހިލާފުވެއްޖެނަމަ، އެ މީހަކު އެ ކުރީ ކުށެއްގެ ގޮތުގައި ބިލްގައި ބުނެފައިވެ އެވެ.