ހުޅުމާލެ ހޮސްޕިޓަލް އަނެއްކާ ވެސް ހެލްތު މިނިސްޓްރީގެ ދަށަށް

އާސަންދަ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ހުޅުމާލެ ހޮސްޕިޓަލް، ހެލްތު މިނިސްޓްރީގެ ދަށަށް އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.


އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު މިއަދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހެލްތުގެ ދަށަށް ބަދަލުކޮށްފައިވާކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ބަދަލުކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހިންގުމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށެވެ.

އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލެ ހޮސްޕިޓަލް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭޕްރީލް 3، 2016 ގަ އެވެ. އާސަންދައިން ހަވާލުވެ އެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލޮޖީ ސެންޓަރެއް ހުޅުވުމާއި އެމްއާރުއައި ހިދުމަތާއި ސީޓީ ސްކޭނާއި މެމޯގްރާމް ހެދޭނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ.

އާސަންދަ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭ އާސަންދަ ސްކީމުން 193 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ހޮސްޕިޓަލަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އާސަންދަ އިން ޚިދުމަތް ދިން ސިއްހީ މަރުކަޒުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެފައި ވަނީ އެހެންވެ ކަމަށް މިދިޔަ މަހު ނެރުނު އާސަންދަ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ހެލްތުގެ ދަށަށް ބަދަލުކުރުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ގިނަ މުވައްޒަފުން ދެކޮޅެވެ. އަދި އެކަމާ ދެކޮޅަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއި ވެސް ކުރި އެވެ. އޭގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން ހިމެނެ އެވެ. ނަމަވެސް ޕެޓިޝަން އެއްވެސް ތަނަކަށް ހުށަހެޅިކަމެއް އަދި ނޭނގެ އެވެ.