ކުރިއަށް އޮތް 4-5 މަހުގައި ބަޖެޓަށް އެއްވެސް ދައްޗެއް ނެތް: ރައީސް

ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އިންޑިއާ ސަރުކާރުން ހަމަޖައްސައި ދިން 200 މިލިއަން ޑޮލަރާ އެކު، ކުރިއަށް އޮތް 4-5 މަސް ދުވަހު އެއްވެސް ދައްޗެއް ނެތި ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ރައީސް އެހެން ވިދާޅުވިއިރު، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދީފަ އެވެ. އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓު ސަޕޯޓެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ވިދާޅުވެފައި ވަނީ ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި އިންޑިއާއިން 200 މިލިއަން ޑޮލަރު ހަމަޖެހުމުން އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުން އަންނަ އަހަރަށް ފާސްކޮދިން 30 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒު ކުރަން ފެށުމުން، ދުނިޔޭގެ އިގްތިސޯދަށް އަންނަ ބޮޑު ދަތިކަމަކުން ނޫނިއްޔާ ދެން ރާއްޖެ އަށް ދަތިވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މިއަދުގެ ނިއުސް ކޮންފަރެންސަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާ ބައްދަލުކުރެއްވިއިރު، ރާއްޖޭގެ އިގްތިސޯދީ ހާލަތު އޭރު އޮތް ގޮތުން ނަމަ މި މަހާ ހަމައަށް ރާއްޖޭގެ ޔޫޒެބްލް ރިޒާވް ހުންނާނީ 15-20 މިލިއަން ޑޮލަރުގައި ކަމަށް އެމަނިކުފާނަށް ގަވަރުނަރު ދެންނެވި ކަމަށެވެ. އެކަމަކު، "އެ އަށް ވުރެ ތަންކޮޅެއް ރަނގަޅު ކަމަށް" އޭގެ ހަފުތާއެއް ފަހުން ގަވަރުނަރު ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އައިޖީއެމްއެޗް ބިލްޑިންގް އެ އަޅާ ފަރާތްތަކަށް ޑޮލަރުން ދޭން އެއްބަސްވެފައި ހުރި ފައިސާ، ދިވެހި ރުފިޔާއިން ދިނަސް އެންމެ ރަނގަޅު ކަމަށް އައިޖީއެމްއެޗް ބިލްޑިންގް އަޅާ ފަރާތުން އެބަ ބުނެއޭ. އެހެންވެއްޖިއްޔާ ޔޫޒެބްލް ރިޒާވް ހުންނާނެއޭ 75 ނުވަތަ 90 މިލިއަން ޑޮލަރުގައި. މިއީ އޭރު އޮތް ގޮތް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.