ތަރައްގީގެ އާ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމާ ގުޅޭ ގޮތުން، ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ އެކު ރާއްޖޭގެ ވަފްދުން މިއަދު މަޝްވަރާކޮށްފި އެވެ.


ޖަޕާން ސަރުކާރުގެ ވެރިންނާ ބައްދަލުކުރެއްވުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ގައުމަށް ވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޝާހިދު ކުރެއްވި ޓުވީޓު.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތާއި ރާއްޖެއަށް އެ ގައުމުން ވަމުން އަންނަ އެހީތައް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓު.

ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޖަޕާނުން ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖަޕާނަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. ޖަޕާނުން އެންމެ ބޮޑެތި އެހީތަކެއްވަނީ ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށެވެ.

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު މިހާތަނަށް ބޭރުގެ ތިން ގައުމަކަށް ވަނީ ވަޑައިގެންފަ އެވެ. އެއީ ޖަޕާންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިންޑިއާއަށެވެ. ޝާހިދު ދެ ފަހަރަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ވެރިކަމަށް އައި އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރުމެވެ. ގުޅުން ބަދަހި ކުރަން ސަރުކާރުގެ ވަފުދުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ކުރިން ވަނީ ވިދާޅުވެފަ އެވެ.