ހެނދުނުގެ ނާސްތާއަށް 10 މެނޫއެއް، ފުރަތަމަ ފަށަނީ 25 ސްކޫލެއްގައި

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށާއި ނަމަވެސް ފުރަތަމަ އެކަން ފަށާނީ 25 ސްކޫލުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ނާސްތާ ދޭން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޔުނިސެފްގެ އެހީއާއެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މެނޫގައި ހިމެނޭ ތަކެތި

މެނޫ 1: ރޮށި، ބިސްގަނޑު، ކިރު

މެނޫ 2: ރޮށި، ފަތު މަސްހުނި، ކިރު

.މެނޫ 3: ރޮށި، ތަރުކާރީ މަސްހުނި، ކިރު

މެނޫ 4: ރޮށި، ބަރަބޯ މަސްހުނި، ކިރު

މެނޫ 5: ރޮށި، ބަށި މަސްހުނި، ކިރު

މެނޫ 6: ބޭކަޑް ބީންސް، ރޯލް، ކިރު

މެނޫ 7: ބިސް، ސޭންޑްވިޗް، ކިރު

މެނޫ 8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު

މެނޫ 9: ޗީޒް ސޭންޑްވިޗް، ކިރު

މެނޫ 10: ޕާން، ޕީނަޓް ބަޓާ، ކިރު

މިނިސްޓަރު ވިދާޅުވީ ނާސްތާ ދިނުމަކީ ދަރިވަރުންނާ ސީދާ ގުޅޭ ކަމަކަށް ވުމުން އެކަމަށް ބެލެނިވެރިންގެ ރުހުން އޮތްތޯ ބެލުމަށް ފޯމެއް ފުރަންޖެހޭނެ ކަމަށެވެ. އެކަމަށް ބެލެނިވެރިއަކު ބޭނުން ނުވާ ނަމަ އެ ދަރިވަރަކު ނާސްތާގައި ބައިވެރިއެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ބެެލެނިވެރިން ފުރާ ފޯމުގައި، ދަރިވަރަކު ކާ އެއްޗަކަށް އެލާޖިކް ވޭތޯ އާއި ސިއްހަތާ ގުޅޭ މުހިއްމު މައުލޫމާތުތައް ހިމަނާނެ އެވެ.

"ޕައިލެޓް ޕްރޮގްރާމުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކާއި ކަންތައްތައް ތިލަވެގެންދާނެ. އެކަންކަމަށް އެޑްރެސް ކުރަމުން ދާނަން،" އާ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ހެނދުނުގެ ނާސްތާ ފުރަތަމަ ފަށާ 25 ސްކޫލް:

1- މަޖީދިއްޔާ ސްކޫލް

2- އަމީނިއްޔާ ސްކޫލް

3- އިސްކަންދަރު ސްކޫލް

4- ހުރަވީ ސްކޫލް (ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލް)

5- މުހްޔިއްދީން ސްކޫލް

6- ޝަހީދު އަލީ ތަކުރުފާން ސްކޫލް (ހއ. ތަކަންދޫ)

7- މ. ނާލާފުށި ސްކޫލް

8- ވ. ފުލިދޫ ސްކޫލް

9- ތ. ބުރުނި ސްކޫލް

10- އއ. މާޅޮހު ސްކޫލް

11- ރ. ރަސްމާދޫ ސްކޫލް

12- ހދ. ނޭކުރެންދޫ ސްކޫލް

13- ލ. އަތޮޅު ސްކޫލް (މާބައިދޫ)

14- ނ. މާފަރު ސްކޫލް

15- ދ. އަތޮޅު މަދަރުސާ (މީދޫ)

16- ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

17- ގއ. ދާންދޫ ސްކޫލް

18- ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

19- ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

20- ޏ. އަތޮޅު ތައުލީމީ މަރުކަޒު

21- އދ. އަތޮޅު ސްކޫލް (މާމިގިލި)

22- ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

23- މިލަންދޫ ސްކޫލް

24- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

25- ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.

"ނާސްތާ ދިނުމުގައި ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް ސްކޫލު ފެންވަރުގައި އެޅުމަށް ބަޔާންކޮށްފައިވާނެ. އޭގެ ތެރޭގައި ދަރިވަރުންނަށް ލިބޭ ކާބޯތަކެތީގެ ތާޒާކަން ސްކޫލު ފަރާތުން ބެލުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަން ސްކޫލު ފަރާތުން ބެލުމަށް އިރުޝާދު ދެވިފައިވާނެ. ކާބޯތަކެތީގެ ތާޒާކަމާއި އެތަކެތީ ތައްޔާރުކުރާ ތަނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާފުތާހިރުކަމަށް ވެސް ހާއްސަ އިރުޝާދުތަކެއް ހިމަނާފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ނާސްތާ 10 މެނޫއެއް ހިމެނިފައި ވިއަސް ކޮންމެ ދުވަހަކު ވެސް ތިން މެނޫއެއް އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދުމަށް މިއަދު އިއުލާނުކުރާނެ ކަމަށެވެ. އެ ފަރާތަކީ، އެ ރަށެއްގައި ކޭޓަރިންގެ ހިދުމަތް ދޭ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެނޭ ތައްޔާރުކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޔުނިސެފުގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހްލާ އަހުމަދު ވިދާޅުވީ މެނޫ ތައްޔާރުކުރުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ނިއުޓްރިޝަނިސްޓުންނާއި އިތުރު ތަޖުރިބާކާރުންގެ އެހީ ހޯދާފައިވާނެ ކަމަށެވެ. މެނޫ ތައްޔާރުުރުމުގައި ބޮޑަށް ބަލާފައިވަނީ ކުދިންގެ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަނާއި ހަށިގަނޑަށް ފައިދާވާ އެކި ބާވަތްތައް ހިމެނުމާއި ފަސޭހައިން ލިބެން ހުރި ތަކެއްޗާއި ތާޒާކަމާއެކު ތައްޔާރުކުރެވޭ ކާއެއްޗިއްސަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި ބަލައިލިން ކާނާގެ ތަފާތު ބާވަތްތައް ހިމަނައިގެން. މިސާލަކަށް ޕްރޮޓީން. ހެދި ބޮޑުވުމަށް ވަރަށް މުހިއްމު އެއްޗެއް އެއީ. ކުދިންގެ ވިސްނުމަށް މަގުފަހިވާ ކަހަލަ ބާވަތްތައް ހިމަނައިގެން އެކި ކަހަލަ ތަފާތު، އިހުތިޔާރުކުރެވޭނެ 10 ވައްތަރުގެ މެނޫ ހަދައިލެވޭތޯ މަސައްކަތްކުރީ،" ޝަހްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާސްތާގައި ހިމެނޭ ބާވަތްތަކަކީ، އެ ޖަމިއްޔާއިން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރަމުން އައި މަސައްކަތުގެ ތެރެއިން އެކުލަވާލި ފުޑްގައިޑްލައިނެއްގައި ވެސް ހިމެނޭ ބައެއް އެއްޗެހި ކަމަށެވެ.

ކްލާސްރޫމުގެ ތެރޭގައި ނާސްތާގެ ކަންތައް ކުރިއަށް ގެންދިޔަސް ދިގު މުއްދަތަކަށް ބަލާއިރު ސަރުކާރުން ވިސްނާފައިވަނީ ސްކޫލުގައި ދަރިވަރުން ކެވޭނެ ހާއްސަ ތަނެއް ހަމަޖެއްސުމެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނާފައިވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމެވެ. އެހެންވެ 25 ސްކޫލުން ފެށިކަމުގައި ވިއަސް ޕްރޮޖެކްޓް ނިމިގެންދާއިރު 212 ސްކޫލުގައި ނާސްތާ ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.