ކޯލިޝަން ގުޅިގެން، މަޖިލިހުގެ އިންތިހާބުގައި ވާދކުރުމަށް ކުރިއެރުންތަކެއް ވަނީ ލިބިފައި: ރައީސް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަން ގުޅިގެން ވާދަކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ އެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޯލިޝަންގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމާ މެދު މަޝްވަރާ ކުރެވުނަސް، އެކަމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށެވެ.

"މިއަދަކު ނިންމުމަކަށް ނާދެވޭ. އެހެން ވިޔަސް، ކުރިއެރުންތަކެއް އެބަހުރި. އަދި އިތުރު ބައްދަލުވުންތައް ކުރިއަށް ދާނެ،" މަޝްވަރާތަކުގައި ލިބުނު ކުރިއެރުންތަކުގެ ތަފްސީލް ނުދެއްވައި، ރައީސް ވިދާޅުވި އެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ރައީސް އިބްރާިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ސުވާލުތަކަށް މިރޭ އިރާކޮޅު ޖަވާބު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަންގެ ތެރެއިން، މަޖިލިސް އިންތިޚާބަށް ވާދަކުރުމާ ގުޅޭގޮތުން އެ ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރެއްވިރު، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރި 86 ދާއިރާއަށް ވާދަކުރުމަށް ނިންމައިފަ އެވެ. އަދި ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ކެރޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރަން ޖުމްހޫރީ ޕާޓީން ވެސް ފަސް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޯލިޝަންގައި ދެން ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދާލަތު ޕާޓީން ވަނީ އިންތިޚާބުގައި 13 ދާއިރާ އަކަށް ވާދަކުރަން ނިންމައި، އެ ދާއިރާތައް އިއުލާންކޮށްފަ އެވެ.

ކޯލިޝަންގެ ތެރެއިން މަޖިލިސް އިންތިޚާބަށް ވާދަކުރުމުގައި އެއްބަސްވުމަކަށް ނާދެވި ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، ވީހާ ވެސް އަވަހަކަށް ގޮތެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ހުރިހާ ލީޑަރުންނަށް އެއްބަސްވެވޭ ގޮތެއް ނިންމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު މައުމޫން މިރޭ އިރާކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެކި ޕާޓީތަކުން އެކި ގޮތަށް އެބަ މަސައްކަތް ކުރޭ. އެހެންވީމާ، އެ ޕާޓީއެއްގައި އޮންނަ ގަވައިދާއި އުސޫލުގެ ތެރެއިން މަސައްކަތް ކުރެވޭނެ ފުރުސަތު ލިބޭ ގޮތަށް މަޝްވަރާތައް ނިމުމަކަށް ގެންނާނީ،" ހަތަރު ލީޑަރުން ތިއްބެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ދެ ގަޑިއިރަށް ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު، މައުމޫން ވެސް ވިދާޅުވީ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބެހުމާ ގުޅޭ ގޮތުން އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ލީޑަރުންގެ މެދުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅިގެން، ގިނަ ބަޔަކު އެ ޕާޓީއާ ގުޅެމުން އަންނަ ކަމަށެވެ. އެގޮތުން، އަލަށް 34،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން 11،000 މީހުންނަކީ ޕީޕީއެމުން ވަކިވެ، އެމްޑީޕީ އަށް ބަދަލުވި މީހުންނެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުންގެ އަޑުއަހައިގެން މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާނެ މީހުން ނިންމޭ ކަމީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ކުރިން ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ދެވޭނެ މަގެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ގައިމު ވެސް މަސައްކަތް ކުރަނީ ހަތަރު ޕާޓީ އެކުގައި މަޖިލިސްގެ ކަންތައްތަކާ ކުރިއަށް ދެވޭނެ މަގެއް ހޯދޭތޯ. އަޅުގަނޑު އުންމީދު ކުރަން ހަތަރު ޕާޓީ އާއި ރައީސަށް އެ މަގު ހޯދޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.