މާފަރު އެއާޕޯޓުގެ ސަބް ކޮންޓްރެކްޓަރުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް

ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޓަފް ކުންފުނިން، އެއާޕޯޓުގެ ރަންވޭ ހަދާ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ ކުންފުނީގެ ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ހަވާލު ކުރީ ޓަފް ކުންފުންޏާ އެވެ. އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. އެކަމަކު، ޓަފް ކުންފުނިން ވަނީ އެއާޕޯޓުގެ މަސައްކަތް އެ ކުންފުނިން އަމިއްލަ އަށް ކުރުމުގެ ބަދަލުގައި ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ.

އެގޮތުން، މާފަރުގައި 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ޓަފް ކުންފުނިން ހަވާލު ކުރީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮންނަ ޖީކޭ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެނގިފައިވާ ގޮތުގައި، ޖީކޭޑީން ވަނީ ރަންވޭ އެޅުމަށް ކުރަން ޖެހޭ މަސައްކަތުގެ 80 ޕަސަންޓު މަސައްކަތް ނިންމައިފަ އެވެ.

އެކަމަކު، ޓަފުން ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ޖީކޭޑީ އަށް ނުދީ އޮތުމުން އެ މަސައްކަތްތައް ގާތްގަނޑަކަށް އޮތީ ހުއްޓިފަ އެވެ. ޓަފް ކުންފުންޏާއި ޖީކޭޑީއާ ދެމެދު ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. އަދި ރަންވޭ އެޅުމަށް ބޭނުން ކުރާ ހުރިހާ މެޝިނަރީޒްތަކެއް ހުރީ މާފަރުގަ އެވެ.

ޖީކޭޑީން އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަށް އަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ކުންފުންޏާއި ޓަފްއާ މެދު ހިޔާލު ތަފާތުވުން އުފެދުނު ހިސާބުން ފެށިގެން ޓަފްގެ މުވައްޒަފުން ޖީކޭޑީގެ ތަކެއްޗަށް ގެއްލުންދީ މުވައްޒަފުންނަށް ޖިސްމާނީ ގޮތުން ގެއްލުން ދެމުންދާ ކަމަށެވެ. އަދި ޓަފްގެ މުވައްޒަފުން، ޖީކޭޑީގެ މުވައްޒަފުންނަށް ބިރު ދައްކައި، އިންޒާރު ދެމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.

"ނަމަވެސް، މިހާތަނަށް (ޖީކޭޑީ) މުވައްޒަފުންނަށް ރައްކާތެރިކަމެއް ލިބިފައެއް ނުވެ އެވެ. މުވައްޒަފުން ކޮންސްޓްރަކްޝަން ސައިޓްގައި މަސައްކަތް ކުރަނީ ބިރުވެރިކަމެއްގަ އެވެ،" ޖީކޭޑީގެ ސިޓީގައިވެ އެވެ.

ޓަފް ކުންފުނިން ޖީކޭޑީގެ މުވައްޒަފުން ސައިޓުން ނެރުމަށް ނ. މާފަރު ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް، ޖީކޭޑީގެ އެއްވެސް މުވައްޒަފަކު ސައިޓުން ނުކުތުމަށް ކޯޓުން އަންގާފައި ނުވާ ކަމަށް ވެސް ފުލުހުންނަށް ޖީކޭޑީން ފޮނުވި ސިޓީގައިވެ އެވެ. އެކަމަކު، ކޯޓުގެ އަމުރެއް ނާންނަނީސް، ޖީކޭޑީގެ މުވައްޒަފުން ސައިޓުން ނެރުމަށް ޓަފުން މަސައްކަތް ކުރާ ކަމަށް ސިޓީގައިވެ އެވެ.

މީގެއިތުރުން، ޖީކޭޑީން އެތެރެކޮށްފައިވާ އެކިއެކި މެޝިނަރީ އާއި އަގު ބޮޑެތި އުޅަނދުތައް ސައިޓުތެރެއިން ނެރެން އުޅެފި ނަމަ، މާލީ ގޮތުން ވެސް އިއާދަނުކުރެވޭ ގެއްލުންތަކެއް ވާނެ ކަމަށް ޖީކޭޑީން ބުންޏެވެ. ޖީކޭޑީން ބުނި ގޮތުގައި، އެ ކުންފުންޏާ ޓަފްއާ މައްސަލަ ޖެހުނީ ފައިސާ ދައްކަން އެންގުމުންނެވެ.

އެހެންވެ، ޖީކޭޑީގެ ސިޓީގައި ވަނީ އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރިކޮށް ދިނުމަށާއި މި މައްސަލައިގައި ޖިނާއީ ކަންތައްތަކެއް ހިމެނޭތީ އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅައި ދިނުމަށް އެދިފަ އެވެ. އެނގިފައިވާ ގޮތުގައި، މާފަރުގައި ތިބި ޖީކޭޑީގެ ބައެއް މުވައްޒަފުން ވަނީ މާފަރުން ބާލުވައި، މާލެ ގެނެސްފަ އެވެ.

މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން އަންނަނީ ޓަފުން ބިޑް ކާމިޔާބު ކުރުމުގައި އޮޅުވާލާފައި އޮތުމުންނާއި މަކަރު ހަދައިގެން އެތައް މިލިއަން ރުފިޔާއެއް ނަގަމުން ދިއުމާއި ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރި މަސައްކަތަށް ފައިސާ ނުދީ އޮތުމުންނެވެ.

މީގެއިތުރުން، މާފަރުގައި އެއާޕޯޓެއް ހެދުމަށް ޓަފް ކުންފުންޏަށް ދިން ގޮތް ބެލުމަށާއި އެ މަސައްކަތާ ގުޅޭ އޮޑިޓެއް ހެދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.