އެސްއެމްއީ ބޭންކު އުފައްދާނީ ތިން ސިޓީގެ ހިއްސާއާ އެކު: ރައީސް

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުގައި ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހިއްސާ ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


ގެސްޓްހައުސް ސިމްޕޯސިއަމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގެސްޓްހައުސްތައް ކުރިއަރަން ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޭނުންވާ މާލީ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބުން ކަމަށެވެ.

"މިއަދުގެ ސިމްޕޯސިއަމްގައި ވެސް އެންމެ ގިނަ ބަޔަކު ފާހަގަކުރީ ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަން. އަންނަ އަހަރުގެ ފެބްރުއަރީ މަހު އެސްއެމްއީ ބޭންކެއް ހުޅުވުމުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، އެސްއެމްއީ ބޭންކުގައި މިވަގުތު އޮތް ތިން ސިޓީ ކަމުގައިވާ މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ އޮންނާނެ ގޮތް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ، ފައިނޭންޝިއަލް އިންސްޓިޓިއުޓެކެވެ. އަދި އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެޕޮލްމެންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެއާއެކު ގެސްޓްހައުސްތަކަށް ބޭނުންވާ ލޯނުގެ ހިދުމަތް ވެސް ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށެވެ.

ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމަށްޓަކައި އެއާޕޯޓް ތަރައްގީ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އެއާޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ބޭނުންވާ ޓާމިނަލްގެ މަސައްކަތް، މީގެ ކުޑަ ދުވަސްކޮޅަކާ ޖެހެންދެން އޮތީ ހުއްޓިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއާޕޯޓް ޓާމިނަލަށް ފައިނޭންސް ކުރާ ސައުދީއާ އެކު މަޝްވަރާ ކުރެވި އަނެއްކާވެސް ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޓޫރިޒަމްގެ ނަފާ ސީދާ ރައްޔިތު މީހާގެ ޖީބަށް ފޯރާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ކަމަށާއި އެކަމަށްޓަކައި ބޭނުންވާ ގަވާއިދުތައް ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް އިސްލާހު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019" އިފްތިތާހުކޮށްދެއްވައިފަ އެވެ.