ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދައި، ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް "އަކުރުން އަކުރަށް" ފުއްދަވައި ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ވިލުފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ އަށް ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފްގެ ކެމްޕޭން ލޯންޗްކުރަން ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ ދިވެހިން އެކައްޗެއް ކިޔައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ ފޮނި އުއްމީދުތަކަކާ އެކުގައި ކަމަށެވެ. އެ ބަދަލާ އެކު ޑިމޮކްރަސީގެ މަގަށް ރާއްޖެ މިސްރާބު ޖަހާފައިވާއިރު، އެމްޑީޕީ އަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއް ކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކަކީ ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދައިދޭނެ ވައުދުތަކެއް ކަމާ މެދު ހަމަ ގައިމު ވެސް އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ،" ރައީސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ނަޝީދު ވިދާޅުވި އެވެ.
އެކަމަކު އެ ވައުދުތައް ރައީސާއި ސަރުކާރަށް ފުއްދޭނީ، އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ އެ ހަގީގަތް ވެސް ދިވެހިން ގަބޫލުކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ހެޔޮބަދަލުތައް ގައުމަށް ގެނެސްދިނުމަކީ ސިޔާސީ ލީޑަރުންގެ ޒިންމާއެކެވެ. އެންމެ އަސާސީ ކަމެއްގެ ގޮތުގައި، ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ވެސް ސިޔާސީ ވެރިން ދަރާފައި އޮތް ދަރަންޏެއް ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ މެނިފެސްޓޯއަކީ ސިޔާސީ ލީޑަރުން، ދިވެހި ރައްޔިތުންނަށް ދަރާފައި އޮތް ދަރަނީގެ ބޮޑު ލިސްޓެއް. އެމްޑީޕީ ނުކުމެ މިތިބީ އެ ދަރަނި އަދާކުރަން،" ނަޝީދު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ޒައާމަތުގައި ސަރުކާރުން އެ މަސައްކަތްތައް ހިންގާނެ. އަދި އިރާދަކުރެއްވިއްޔާ އެ މަސައްކަތްތަކުގެ ކާމިޔާބު ފެނިގެން ދާނެ."
ވެރިކަން ބަދަލުވެ، ރައްޔިތުންގެ އުއްމީދު ފަނޑުވެ ނުދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ކަމެއް ރަނގަޅުވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކުގައި ވާދަކުރުމަށެވެ. އެކަމަކު، މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން އެމްޑީޕީން ނިންމުމާއެކު އުފެދުނު ހިޔާލުތަފާތުވުންތައް އަދި ހައްލެއް ނުވެ އެވެ. އެ ޕާޓީގެ ޕްރައިމަރީ މި މަހުގެ ތެރޭގައި ބާއްވާއިރު، ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީގެ ޓިކެޓު ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ.
އިންތިޚާބުގައި ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭގޮތުން ލީޑަރުންގެ މަޝްވަރާތަކަށް ފަހު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ޕާޓީތަކުން އެކުގައި ވާދަކުރަން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.