ވިޔަފާރިވެރިން އެދެނީ މާރުކޭޓް ގޮޅިތައް ސިޔާސީ މީހުންނަށް ނުދޭން

މާލޭގައި ދިވެހި އުފެއްދުންތައް ވިއްކާ ދަތުރުވެރިން މާރުކޭޓުގެ ގޮޅިތައް އަލުން ކުއްޔަށް ދޭން ނިންމާފައިވާއިރު އެންމެ ބޮޑު އެދުމަކީ އެތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފުރުސަތު ދީ، ސިޔާސީ މީހުންގެ ކިބައިން އެތަން ސަލާމަތްކޮށްދިނުން ކަމަށް މާރުކޭޓުގެ ވިޔަފާރިވެރިން މިއަދު ބުނެފި އެވެ.


މާރުކޭޓުގެ ސާވޭއެއް ނިންމައި އެ ގޮޅިތަކަށް ކުރިމަތިލާން އަލުން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާރުކޭޓު ގޮޅިތައް ތަރައްގީކޮށް ފަހުން ކުއްޔަށް ދީފައިވާއިރު ގިނައިން ދީފައިހުރީ ސިޔާސީ މީހުންނަށް ކަމަށް ވިޔަފާރިވެރިން ބުންޏެވެ. ގޮޅިއެއް 2،000ރ.ގެ މަގުން ސަރުކާރުން ކުއްޔަށް ދިނަސް އެ ތަންތަން ލިބޭ ސިޔާސީ މީހުންގެ އަތުން ވިޔަފާރިވެރިންނަށް ކުއްޔަށް ލިބެނީ ވަރަށް ބޮޑު އަގުގަ އެވެ.

މާރުކޭޓުގައި ތިބޭ މީހުން ބުނި ގޮތުގައި ބޮޑު އަގުގައި ގޮޅިތައް ގިނައިން ނަގަނީ ބިދޭސީންނެވެ. އެއީ މަނާ ކަމަކަށް ވިޔަސް، މި ސަބަބާ ހެދި މުޅި ތަން ބިދޭސީންގެ ބާރުގެ ދަށަށް ދަނީ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ބޭރުގެ އުފެއްދުންތައް ވިއްކަން ބަހައްޓާފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުޑަ އަގުގައި ސަރުކާރުން ކުއްޔަށް ދޫކުރި ގޮޅިތައް ލިބުނު މީހުން އެ ތަންތަން އެހެން މީހުންނަށް ކުއްޔަށް ދީފައިވަނީ 10،000ރ. އާއި 15،000ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ. މާރުކޭޓަށް ވަންނަ މީހުން ގިނައިން ހިނގާ މަގަކަށްވާ ގޮތަށް ހުންނަ ގޮޅިއެއް ނަމަ ވަކިން އަގު ބޮޑެވެ.

މާރުކޭޓް ގޮޅިތަކުގައި މަސައްކަތް ކުރާތާ 12 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިބްރާހިމް އަހުމަދު ބުނިގޮތުގައި 2008 ވަނަ އަހަރުން ފެށިގެން އެ މާރުކޭޓްގެ ގޮޅިތައް ސަރުކާރުން ދޫކުރާއިރު ކޮންމެ ފަހަރަކު ވެސް އޭނާ ފޯމް ހުށަހަޅަ އެވެ. ނަމަވެސް ދުވަހަކުވެސް އޭނާއަށް ގޮޅިއެއް ނުލިބެ އެވެ.

"ބޮޑު އަގުގައި ކުއްޔަށް ދޭ މީހުންގެ އަތުން ނަގަން ޖެހެނީ. ބިދޭސީން އެބައުޅޭ ތިން ހަތަރު ގޮޅި ކުއްޔަށް ނަގައިގެން. ސިޓީ ކައުންސިލް މީހުން ބަލަން އަންނާތީ ދިވެހިން ބައިތިއްބައިގެން ބަންގާޅީން އެބަ ވިޔަފާރިކުރޭ،" އިބްރާހިމް ބުންޏެވެ.

"މަޖިލިސް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ އިސް މީހުންގެ ގޮޅިތައް މި ހުންނަނީ. އަހަރެމެން މިކަމުގައި އުޅޭ މީހުން ޖެހެނީ އެ މީހުންގެ އަތުން ކުއްޔަށް ނަގަން."

އެ ގޮޅިތައް ހަމަ އަގުގައި ވިޔަފާރިވެރިންނަށް ލިބޭނަމަ އެ މާރުކޭޓުން ވިއްކާ ތަކެތީގެ އަގު ބޮޑުތަން ހެޔޮވާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ. އެ މީހުން ބުނި ގޮތުގައި، ދިވެހި އުފެއްދުންތައް އެކަނި ވިއްކުމުގެ ހުއްދަ އޮންނަ އެ މާރުކޭޓުގައި އިމްޕޯޓް މުދާ ވިއްކުން ވެސް އިތުރުވެފައިވަނީ ބޮޑު ކުލި ދައްކަން ފައިސާ ހޯދަން ޖެހޭތީ އެވެ.

"އެ ބޮޑު ކުލި ދެއްކޭނީ ސަޕްލައިކުރާނެ ކޮޅުތައް ހުރި މީހުންނަށް. އެހެން ނޫނީ ނުވާނެ. އެތައް ބަޔަކު ދަރައިގެން ގޮސްފި މިކަމާ ހެދި،" މާރުކޭޓުގައި މަސައްކަތްކުރާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަލީ އިބްރާހިމް ބުންޏެވެ.

"ތަކެތީގެ އަގު ވަރަށް ރަނގަޅު ކުރެވޭނެ ހަމަ އަގުގައި ގޮޅިތައް ސީދާ ވިޔަފާރިވެރިންނަށް ދީފި ނަމަ. ވިޔަފާރިވެރިން އެދެނީ އެގޮތަށް ސީދާ ވިޔަފާރިވެރިންނަށް ގޮޅިތައް ދޫކޮށްދިނުމަށް."

އަލީ އިބްރާހިމް "މިހާރު" އާ ވާހަކަ ދައްކަނީ-- އޭނާ ބުނީ ދަނޑުވެރިންނަށް ގޮޅިތައް ލިބިގެން ނޫނީ އެކަން ކުރެވެން ނެތް ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާރުކޭޓް ގޮޅިތަކުގެ ކަންކަން ބަލައި އަލުން ކުއްޔަށް ދިނުމުގެ ޒިންމާ މި ސަރުކާރުން ދީފައިވަނީ ސިޓީ ކައުންސިލަށެވެ.

މިކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާރުކޭޓް ގޮޅިތައް ބަލަން ފެށި އިރު ވެސް އެތަނުގައި ނުގަވައިދުން އެތައް ކަމެއް ހިނގަމުން އަންނަކަން ފާހަގަކުރެވުނު ކަމަށާއި އެސެސްމަންޓަށް ފަހު އެތަންތަނާ މެދު ފިޔަވަޅުތައް އަޅާނެ ކަމަށެވެ. "ވަރަށް ގިނަ ކަންތައްތައް އެބަހުރި ގަވާއިދާ ހިލާފަށް އެތަނުގައި. ގޮޅިތަކުގައި ވިއްކަން ހުއްދަ ނޯންނަ ކިތަންމެ އެއްޗެއް އެބަ ހުރޭ. އިމްޕޯޓް މުދާ ވިއްކަން ހުއްދައެއް ނޯންނާނެ. ދެން މިނޫނަސް ގިނަ ކަންތައްތަކެއް އެބަހުރި،" ޝިފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާރުކޭޓްގެ ގޮޅިތައް ދޫކުރަނީ އެ ގޮޅިތައް ލިބޭ މީހުން ވިޔަފާރިކުރަން ކަމަށާއި އެހެން ނަމަވެސް ގިނަ ގޮޅިތަކެއް ހުރީ އެކަކު އަތްމަތިން އަނެކަކު އަތްމަތިން ގޮސް ބޭރު މީހުންގެ އަތްމަތީގައި ކަމަށެވެ. އެހެން ހުރި މައްސަލަތަކާއި ގޮޅިތައް ދޫކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ވެސް ސިޓީ ކައުންސިލުން މިފަހަރު ބަލާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.