ހުވަފެނީ ހަނީމޫން މަރުގެ ދަތުރަކަށް

އެރިކާ ލެގްރިޑިލިއާ އާއި ލިއޯމާ ލެގްރަޑިއަލާ މިދިޔަ މަހު ކުރި އަލަތު ކައިވެންޏަށް ފަހު މި މަހުގެ ނުވަ ވަނަ ދުވަހު ފިލިޕިންސްގެ މެނީލާއިން ރާއްޖެއަށް ފުރީ އެ މީހުންގެ ހުވަފެނީ ހަނީމޫނަށެވެ. ކައިވެންޏަށް ފަހު އެކުގައި ކުރި ފުރަތަމަ ދަތުރު އެ މީހުންގެ ހަޔާތުގެ ފަހު ދަތުރަށްވީ އެވެ.


މިދިޔަ މަހުގެ 18 ގައި ކައިވެނިކުރި ފިލިޕީންސްގެ އެރިކާ ލެގްރިޑިލިއާ 30، އާއި ލިއޯމާ ލެގްރަޑިއަލާ، 29، ގެ ހަނީމޫން މަންޒިލަކީ ކ. ދިއްފުއްޓެވެ. އެ ރަށު ކްރައުން ބީޗް ގެސްޓް ހައުސް އަށް އައިތާ ތިން ވަނަ އަށް ވީ ދުވަހު ދެމަފިރިން މަރުވީ ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓާ ދެމުގެ އޮންނަ ތިލަ ފަޅު ތެރެއަށް ދެމަފިރިން ގެނބިގެން އުޅެނިކޮށް އެ މީހުން ސަލާމަތްކުރެވޭތޯ އެތަނަށް އެންމެ ފުރަތަމަ ދިޔަ އެކަކީ ދިއްފުށީ މީހެއް ކަމަށްވާ، އަބްދުލް ކަރީމް، 58، އެވެ. މަރުވި ދެމަފިރިން ޗުއްޓީ ހޭދަކުރި ގެސްޓް ހައުސް ކައިރީ ހުރި ކެފޭއަކުން ހެނދުނު ސައި ބޮއެގެން އަބްދުލް ކަރީމާއި އެހެން މީހަކު އެ ދިމާލުން އަތިރިމައްޗަށް ނިކުތް އިރު މޫދަށް އެރި އުޅުނު ޓޫރިސްޓުންތަކެއް އަތް ހޫރައި ހަޅޭއްލަވަނީ އެވެ.

ކަމެއް ގޯސްވެގެން އުޅޭކަން އެނގިގެން އަބްދުލް ކަރީމާއި އޭނާއާ އެކު ދެން ހުރި ޒުވާނާއާ އެކު، ފަޅުގައި އޮތް ލޯންޗަކަށް އަރައިގެން އެ ދިމާލަށް ދިޔައީ އެވެ.

ޓޫރިސްޓު ދެމަފިރިން މަރުވީ މި ދެ ރަށު ދޭތެރޭ މޫދަށް އެރި އުޅެނިކޮށް

"ހަމަ އެތަނުގައި އޮތް ލޯންޗެއް އެއީ. ކަމެއް ގޯސްވާހެން ލަފާ ކުރެވުނީމައި ހުއްދައެއް ވެސް ނުނަގާ އަޅުގަނޑުމެން ހަމަ ދިޔައީ،" ކަރީމް ކިޔައިދިނެވެ.

އަބްދުލްކަރީމް ކިޔައިދިން ގޮތުގައި އެ މީހުން ލޯންޗުގައި ދިޔައިރު، ގެނބިގެން އުޅުނު މީހުން ސަލާމަތްކުރަން އެހެން ޓޫރިސްޓަކު އުޅުނެވެ. އެއީ ވެސް ކްރައުން ބީޗް ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ފިރިހެނެކެވެ.

މަސްވެރިކަމުގައި އުޅުނު އިރު، ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވާން ފަސްޓް އެއިޑް ކޯހެއް ހަދާފައި ހުރި އަބްދުލްކަރީމް ބުނީ އެންމެ ފުރަތަމަ ލޯންޗަށް ނެގީ ގެނބިފައި އޮތް އަންހެން މީހާ ކަމަށެވެ. އޭރު ފިރިހެން މީހާގެ ހާލަތެއް، އެ މީހުން ސަލާމަތްކުރަން ދިޔަ މީހުންނަކަށް ނޭނގެ އެވެ.

"އަންހެން މީހާ އަށް ފަސްޓް އެއިޑްގެ ދެނިކޮށް އޭނާގެ ފިރިމީހާ ހަޅޭއްލަވައިގަތް އަޑު އިވުނީ. ބަލައިލިއިރު އޭނާ އޮތީ ވެއްޓިފައި. ގެނބިގެން އުޅެނިކޮށް އެހީވާން ދިޔަ ޓޫރިސްޓު މީހާ އޭނާ ގައިގައި ހިފެހެއްޓި. ދެން އޭނާ ލޯންޗަށް ނެގި އިރު، އަނގައިން ލެޔާއި ލޮނު ވަރަށް ބޮޑަށް އައި،" އަބްދުލްކަރީމް ބުންޏެވެ.

ގެނބުނު ދެމަފިރިންނާއި އެ މީހުންނަށް އެހީވާން އުޅުނު ޓޫރިސްޓު މީހާ ވެސް ގޮވައިގެން އަބްދުލްކަރީމާއި އޭނާގެ އެކުވެރިޔާ ދިޔައިރު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ވެސް އޮތީ އައިސްފަ އެވެ. އެކަމަކު މަރުކަޒުގެ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެތަނަށް ގެންދިޔައިރު ވެސް ދެމަފިރިން އޮތީ މަރުވެފަ އެވެ.

އުފާވެރި ދަތުރަކަށް ރާއްޖެ އައި ދެމަފިރިން އެ މީހުންގެ ގައުމަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދެމަފިރިންގެ އާއިލާ އަށް ވަނީ ދަތިކަމެއް ކުރިމަތިވެފަ އެވެ. އެކަމަށް އެހީވާން ދެމަފިރިންގެ އެކުވެރިން ފައިސާ އެއްކުރުމުގެ ހަަރަކާތެއް ފަށާފައިވާ ކަމަށް، އެކުވެރިން ސޯޝަލް މީޑިއާގައި ބުނެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.

"އެ މީހުންގެ ހަށިގަނޑު ފިލިޕިންސަށް ގެނައުމުގެ ކަންކަން އަންނަނީ ހަމަޖައްސަމުން. މިކަމަށް ބޭނުންވަނީ 634،000 ޕޭސޯ (12،142 ޑޮލަރު)،" ދެމަފިރިންގެ އެކުވެރިޔަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ރާއްޖޭގައި ޓޫރިސްޓުން ގެނބިގެން މަރުވުމަކީ އާންމު ކަމެކެވެ. އެކަމަކު މިއީ މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެެރި އެއް ހާދިސާ އެވެ.