ނަޝީދަށް ކުރިމަތި ނުލެއްވޭ ގޮތެއް ހެދިޔަކަ ނުދޭނަން: އެމްޑީޕީ

ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ލަތީފުގެ އިސްލާހު ރައީސް ނަޝީދަށް އަމާޒުކޮށްފައިވާ ކަމަށް ޕާޓީން ދެކޭ ކަމަށެވެ. ލަތީފު ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީއާ ތައާރުޒުވާ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިވެސް ގަންނާނެ އިސްލާހެއް ކަމަކަށް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން. ބަލައިގަނެގެން ވާނެ ކަމަކަށް ވެސް އަދި ބަލައި ގަންނާނެކަމަކަށް ވެސް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.

ލަތީފްގެ އިސްލާހާ މެދު އެމްޑީޕީން ކަންބޮޑުވާ އަނެއް ކަމެއްގެ ގޮތުގައި ހަަސަން ފާހަަގަކުރެއްވީ ލަތީފަކީ ވެރިކަންކުރާ ކޯލިޝަނަށް ނިސްބަތްވާ މެމްބަރަކަށް ވުމެވެ. އޭނާ ވިދާޅުވީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅަކު އެ އިސްލާހު ހުށަހެޅުއްވީތީ އެމްޑީޕީން ހިތާމަކުރާ ކަމަށެވެ.

"އެމްޑީޕީން، އަޅުގަނޑު މި ދެންނެވިހެން ވަރަށް ކަންބޮޑުވާ ކަމެއް އެއީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން މިފަދަ އިސްލާހުތައް ހުށަހަޅުއްވާ އިރު އެބޭފުޅުން ވަކިވަކިން އެ އަމަލުކުރައްވަމުން ގެންދަވާ ގޮތް އެއީ އެމްޑީޕީން ދެކޭ ގޮތުގައި އަދި ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކޯލިޝަނެއްގައި މަސައްކަތް ކުރާ އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް ޕާޓީތަކުން މަސައްކަތްކުރަން ވާނީ އެކީގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ލަތީފް ހުށަހެޅުއްވި އިސްލާހަކީ މަޖިލީހަށް ބަލައިގަނެގެންވާނެ އިސްލާހެއް ނޫން ކަމަށާއި އެ އިސްލާހު މަޖިލީހުން ފާސްވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ މެމްބަރުންނަށް ދަންނަވަން އޮތް ވާހަކަޔަކީ ރައީސް ނަޝީދު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ވާހަކަ. އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެން ފާސްކޮށްގެން ރައީސް ނަޝީދަށް ވާދަނުކުރެވޭ ގޮތް، އެކަން ވިޔަކަ އިރާދަކުރެއްވިއްޔާ މި ޕާޓީއަކުން ނުދޭނެ،" ހަސަން ވިދާޅުވި އެވެ.

ކުރީގެ ރައީސުން މަޖިލީހުގައި ތިއްބެވުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް ހުށަހެޅުއްވީ މާއްދާއެއް އިތުރުކުރާށެވެ. އެއީ، ކުރީގެ ރައީސުން މަޖިލީހުގެ މެމްބަރުންނަށް ވާން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަށެވެ.

އެ އިސްލާހު ނަގަން އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން މިހާރު ވަނީ އަންގާފަ އެވެ. ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒު "މިހާރު" އަށް ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ އެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން، ކޯލިޝަން ލީޑަރެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ އެ ބިލް އަނބުރާ ނެގުމަށް ލަތީފަށް އަންގަވާފައިވާނެ ކަމަށެވެ.