މާލޭ މަގެއްގައި ފުރަތަމަ ފަހަރަށް ތާރުއަޅަން ފަށައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މައި މަގުގެ ގޮތުގައި ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރުއަޅަން ފަށައިފި އެވެ. މިއީ މާލޭގެ މަގެއްގައި ތާރުއަޅާ ފުރަތަމަ ފަހަރެވެ.


ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮށިން ފެށިގެން ޓްރެކް ދަނޑާ ހަމައަށް ތާރުއަޅަން އެމްޓީސީސީން މިހާރު އަންނަނީ މަގު ލެވެލް ކުރަމުންނެވެ. އެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާއިރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތާރުއަޅަން ފަށާނެ އެވެ.

މުޅި އެ ސަރަހައްދުގައި ތާރުއަޅަން މަހެއްހާ ދުވަސް ނަގާނެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފުން ލަފާކުރެ އެވެ. މިހާރު ވަނީ ތާރު މިކްސްކުރާ މެޝިން ވެސް އެ ސަރަހައްދަށް ގެންގޮސްފަ އެވެ.

ބޮޑުތަކުރުފާނު މަގު ވަކި ސަރަހައްދެއްގައި ތާރުއަޅަން މަގު ލެވެލްކުރަނީ. -- ފޮޓޯ: ހުސެން ޝަޔާހު/މިހާރު

ތާރު އެޅުމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ. އެމްޓީސީސީގެ އިސް ބޭފުޅެއްގެ ހުއްދަ ނުލިބޭތީ، މީޑިއާ ޔުނިޓުން ކޮމެންޓެއް ނުކުރި އެވެ.

ތާރުއަޅަން މަގު ލެވެލްކުރަނީ. -- ފޮޓޯ: ހުސެން ޝަޔާހު/މިހާރު

މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ހަދާ އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ސަރުކާރުން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާ މަޝްރޫއު މިދިޔަ މަހުގެ 26 އަށް ހުޅުވަން ނިންމާފައި އޮތް ނަމަވެސް އެ މުއްދަތަކަށް މަސައްކަތް ނުނިމުނެވެ.

މަގު ލެވެލް ކުރަނީ: ބޮޑުތަކުރުފާނު މަގު ވަށައިގެން ތާރުއަޅަން ވަނީ ނިންމާފައި. -- ފޮޓޯ: ހުސެން ޝަޔާހު/މިހާރު

އިންޑަސްޓްރިއަލް ވިލެޖް ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރާނެ އެވެ. އޭރުން މާލެ އަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޮޑު ތަރުކުރުފާނު މަގުގައި ތާރުއަޅަން މަގު ލެވެލްކުރާ ވީޑިއޯ: ވީޑިއޯ: ހުސެން ޝަޔާހު/މިހާރު

ބޮޑު ތަރުކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރުއެޅިއިރު، އެ މަގު ވަށައިގެން ތާރުއަޅަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް އަދި ބަޔަކާ ހަވާލުނުކުރި ނަމަވެސް މި އަހަރު ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.