ހުޅުމާލޭގައި ނުރައްކާތެރި މާރާމާރީއެއް، އެކުއްޖަކަށް ސީރިއަސް އަނިޔާތަކެއް

ހުޅުމާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެ، ފަރުވާ ދޭން ފަށައިފި އެވެ.


ހުޅުމާލޭ ހޮސްޕިޓަލުން ބުނީ މާރާމާރީގައި ޒަހަމްވި ދެ ކުދިން އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށާއި އަނެއް ކުއްޖާ އަށް ވެސް ޑްރެސިން ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ސީރިއަސް ޒަހަމްތަކެއް ލިބި އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަނީ ގދ. ރަތަފަންދޫ ކުއްޖެއް ކަމަށާއި ޑްރެސިން ރޫމްގައި ފަރުވާ ދެމުން އަންނަނީ އައްޑޫ ކުއްޖެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ފުލުހުން ބުނީ މި މާރާމާރީއާ ގުޅޭ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދިއެއް ހާމައެއް ނުކުރެ އެވެ.