އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލިހުގެ މައްޗަން ގޮޅީ މެދު ދާއިރާގެ އެމްޑީޕީ ޓިކެޓު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަށަވަރު ކުރައްވައިފި އެވެ.


މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދު އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރެއްވީ ޒުވާން ބޭފުޅެއް ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާ ވާދަކުރައްވަ އެވެ. ޕްރައިމަރީގައި ނަޝީދަށް 267 ވޯޓު މިހާތަނަށް ލިބިވަޑައިގެންނެވި އިރު، އައިޝަތު އަލައިކާ އަށް ލިބުނީ 52 ވޯޓެވެ.

ނަޝީދު ވަނީ 1999 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ފަހަރު މާލޭގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިލްޔާސް އިބްރާހީމާއި ނަޝީދެވެ. ނަމަވެސް، މަޖިިލިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވުމާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ގައި ގޮނޑި ގެއްލުވައިލި އެވެ.

ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑު އޮފީސް އިމާރާތް ހަދާފައި އެހުރީ ވެލާނާގޭގެ ބިމުގަ އެވެ.

އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރު ގަބޫލުކުރި އެވެ.

މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. ސަބަބަކީ، ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕްރައިމަރީގެ އެކި ދާއިރާތަކުގެ ނަތީޖާ އިއުލާން ކުރަމުން ދާއިރު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މިހާތަނަށް ޓިކެޓު ކަށަވަރު ކުރެއްވީ އަބްދުލްޣަފޫރު މޫސާ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ކަން މިހާރު ކުރައްވާ ޣަފޫރަށް ލިބިވަޑައިގަތީ ހަނިމާދޫގެ އެމްޑީޕީ ޓިކެޓެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ކުރިން ވެސް ކުރެއްވި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު އަހުމަދު އީސާ އާއި ކިނބިދޫ ދާއިރާގެ ޓިކެޓު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން މުހައްމަދު ނާޝިޒު ވަނީ ކަށަވަރު ކުރައްވައިފަ އެވެ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ކަން އަހުމަދު އީސާ މީގެ ކުރިން ކުރެއްވި އިރު، ނާޝިޒު ފުރުއްވީ އަލިފުށީ ދާއިރާގެ ގޮނޑި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިސް އެކްޓިވިސްޓުން ކަމަށްވާ އިނގުރައިދޫ ދާއިރާގެ ޓިކެޓު ހަސަން އަހުމަދު (ހަސަންޓޭ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ޒިފްލީން ހަސަން ވަނީ ތިނަދޫ ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އަދި ތުޅާދޫ ދާއިރާގެ ޓިކެޓު މިހާތަނަށް އައިއިރު، ކަށަވަރު ކުރެއްވީ ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް އަލީ ވަނީ ގަމު ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ޝައުގުވެރި އެއް ދާއިރާ އަކީ ކާށިދޫ ދާއިރާ އެވެ. މީގެ ކުރިން، އެ ދާއިރާގެ މެމްބަރު ކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު، އަބްދުﷲ ޖާބިރުގެ މައްޗަށް ކުރި ހޯއްދަވައި އެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ އިބްރާހިމް ރިފްއަތެވެ.