ޕްރައިމަރީ އަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި، ވަކި ބަޔަކު ހޮވުމަށް އެ ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށްފައިވާ ކަމަށް އެ ޕްރައިމަރީން ނާކާމިޔާވި، މިހާރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީގައި މިހާރު މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ނުލިބި، ފުރުސަތު ގެއްލުނީ ފަސް ބޭފުޅަކަށެވެ. އެއީ ނިޒާރުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އަށެވެ.

ޕްރައިމަރީ ކުރިއަށް ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ނިޒާރު "މިހާރު" އަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން، އޭނާ އާއި އެހެން ބައެއް މެމްބަރުންނަށް އެންޓި ކެމްޕެއިން ކޮށްފައިވާ ކަމަށެވެ. އޭނާ އަށް ވޯޓު ނުދޭން ބައެއް މީހުންގެ ގާތުގައި ނަޝީދުގެ އަރިސް ބޭފުޅުން އެދިވަޑައިގަތް ކަމަށް ނިޒާރު ތުހުމަތު ކުރެއްވި އެވެ.

"ލިސްޓް ބަހާފައި އެބަހުރި ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް ބުނެ. އެ ލިސްޓުގައި އަޅުގަނޑުމެން ބައެއް މެމްބަރުންގެ ނަމެއް ނެތް. އެކަން ކޮށްފައި ވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅުން،" މަޖިލިހުގެ މި ދައުރުގައި އެންމެ ހަރަކާތްތެރި އެއް މެމްބަރު ކަމަށްވާ ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ނާކާމިޔާބުވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލްއާ ވާދަކުރައްވަ އެވެ. ނާޒިލް އަކީ ޕްރައިމަރީގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިންގެ ފިރިކަލުންނެވެ.

ނިޒާރު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި އޭނާއާ ވާދަކޮށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނާޒިލްއަށް އޭނާ ތާއީދު ކުރައްވާނެ ކަމަށެވެ. ޕާޓީތެރޭގައި މައްސަލަތަކެއް ހުރުމަކީ ނާޒިލްގެ ކުށެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީއާ އިދިކޮޅު ޕާޓީތަކަށް ހޫނު ބަހުގެ ހަމަލާތައް އަބަދުވެސް ދެއްވާ ނިޒާރު ވިދާޅުވިގޮތުގައި އޭނާ ފެއިލްކޮށްލުމަށް އެމްޑީޕީއަށް ވާދަވެރި ޕާޓީތަކުން ޕްރައިމަރީއާ ދިމާކޮށް މީހުން ވައްދާފައިވެ އެވެ. އަދި ތަކުރާރުކޮށް 100 އަށްވުރެ ގިނަ މީހުން އިއްޔެގެ ޕްރައިމަރީގައި ވޯޓްލާފައިވާ ކަމަށްވެސް ނިޒާރު ތުހުމަތު ކުރައްވަ އެވެ. އެކަން ހުއްޓުވުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް އެ ޕާޓީގެ ލީޑާޝިޕުން ފުރުސަތު ނުދިން ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެމްޑީޕީ ލީޑް ކުރައްވާ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: މިހާރު

އެމްޑީޕީގެ ޕްރައިމަރިއާ ދިމާކޮށް އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ވެއްދި އެވެ. އެއީ ޕްރައިމަރީގައި ވޯޓް ހޯދަން ވެއްދި ބައެއް ކަމަށާއި އެމީހުންނަކީ އެ ޕާޓީގެ އަސްލު ފިކުރުގައި ތިބި މީހުން ނޫން ކަމަށް އޭރު އެ ޕާޓީގެ އެކްޓްވިސްޓުން ދިޔައީ ބުނަމުންނެވެ.

ނިޒާރު ވިދާޅުވީ ވޭތުވެދިޔަ މަޖިލީހުގެ ދެ އިންތިހާބުގައި ވެސް އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވުމުން ވެސް އެ ޕާޓީގެ އުސޫލުތައް ބަދަލުކުރަން ލީޑާޝިޕުން އަދިވެސް ދެކޮޅު ހަދަމުންދާ ކަމަށެވެ. އެހެންކަމުން އެއީ ޕާޓީގެ ބާރުތައް ވަކިގޮތަކަށް ބައްޓަން ކުރަން ލީޑާޝިޕުން ބޭނުންވާތީ ކަންކުރަމުން އަންނަ ގޮތްކަމަށް ނިޒާރު ތުހުމަތު ކުރެއްވި އެވެ.

"ޕާޓީ ރިފޯމްކުރަން ފުރުސަތެއް ނޯވޭ. ގަވައިދުތަކަށް ބަދަލެއް ނުގެނޭ،" ނިޒާރު ވިދާޅުވި އެވެ.

އޭނާއަށް އެމްޑީޕީގެ ލީޑާޝިޕުން ތާއީދު ނުކުރި އެއް ސަބަބަކީ ވަކި ބޭފުޅަކު އަންގަވާ ގޮތަށް ހުރިހާ ކަމެއް ނުކުރެއްވުން ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވިދާޅުވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިޔަސް އަޅުގަނޑު ގަބޫލު ކުރާ ގޮތެއްގައި އަޅުގަނޑު ހުންނާނީ. އެއީ އަޅުގަނޑު [އެބޭފުޅުންނަށް] ކަމުނުދާ ސަބަބަކީ."

ސިޔާސީ ކުރިމަގާމެދު ސުވާލު ކުރުމުން ނިޒާރު ވިދާޅުވީ އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީ މިހާރު ޑިމޮކުރަޓިކް އުސޫލުން ހިނގާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެގޮތަށް ކުރިއަށްދާން ބޭނުން ނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.