އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރަކު ކަނޑައަޅައިފި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުކަމުގެ މަގާމަށް އެ ގައުުމުން އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.


"ޓައިމްސް އޮފް އިންޑިއާ" ނޫހުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހުންނެވި ސަފީރު އަކިލޭޝް މިޝްރާގެ ބަދަލުގައި ދެން ވަޑައިގަންނަވާނީ ސަންޖޭ ސުދިރް އެވެ. އޭނާ މިހާތަނަށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެެންޑް ގޭސް ގެ ޖޮއިންޓް ސެކްރެޓަރީ އިންޓަނޭޝަނަލް ކޯޕަރޭޝަން ގެ މަގާމުގަ އެވެ.

އެއީ، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމު ވެސް ކުރިން އަދާކުރައްވައިފަ އެވެ.

ރާއްޖޭގައި މިހާރު ހުންނެވި ސަފީރު އަކިލޭޝް މިޝްރާ އެ މަގާމަށް ވަޑައިގަތީ 2016 ގަ އެވެ. އިންޑިއާގެ ފޮރިން ސާވިސްއާ 1989 ވަނަ އަހަރު ގުޅިވަޑައިގެންނެވި މިޝްރާ ރާއްޖެ އަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ކެނެޑާގެ ޓޮރޮންޓޯގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމުގަ އެވެ.