ސްޓިކާ ޖެހުން ހުއްޓާލުމުން ޕާކް ކުރުމަށް ހަމައެއް، ލަމައެއް ނެތް!

ތޮއްޖެހިފައިވާ މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ވަގުތީ ގޮތުން ފުލުހުން ހުއްޓާލުމާ އެކު ނުގަވައިދުން ޕާކްކުރުން އިންތިހާއަށް އިތުރުވެ، އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.


ސްޓިކާ ޖެހުން މިދިޔަ ހަފުތާގައި ފުލުހުން ހުއްޓާލީ ސަރުކާރުން އަންގައިގެންނެވެ. މި ސަރުކާރުން ބުނެފައިވަނީ ސްޓިކާ ޖަހަން ދެން ފަށާނީ ޕާކްކުރާނެ ތަންތަން ދެއްކުމަށް ފަހުގައި ކަމަށެވެ.

ސްޓިކާ ޖެހުން ހުއްޓާލުމާ އެކު ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ޕާކްކުރުމުގެ މައްސަލަ މިހާރު ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ. އެމީހަކު ހިތުހުރި ތަނެއްގައި ޕާކްކުރަނީ އެވެ.

ނުގަވައިދުން ޕާކްކުރުމުން ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް---

ހުރަވީ ބިލްޑިންގްގައި ހުންނަ އޮފީހެއްގެ މުވައްޒަފެއް ކަމަށް ވާ ހުސައިން ހަމީދު ބުނީ އެ އިމާރާތަށް ނުވަދެވޭ ގޮތަށް ދޮރުމަތީގައި ވެސް މިހާރު ޕާކްކުރާ ކަމަށެވެ. އޭގެ ސަބަބުން މުވައްޒަފުންނާއި ހިދުމަތް ހޯދަން އަންނަ އާންމުންނަށް ވެސް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

"ކަފިހުރަސް ކުރިމަތީ އެ ހުންނަނީ ޕާކްކޮށްފައި. އޮފީހަށް ވަދެވޭވަރެއް ނޫން. އެހެންވީމަ ސްޓިކާ ޖެހުން ހުއްޓާލުމަކީ ވެސް ހައްލެއް ނޫން،" ހުސައިން ބުންޏެވެ.

ގޭގެ އާއި އޮފީސްތަކުގެ ދޮރުމަތީގައި ޕާކްކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން އަރާ ބޭފުމަށް ދުވާރުގައި ހަދާފައިވާ ރޭމްޕްތައް މަތީގައި ވެސް ދަނީ ޕާކްކުރަމުންނެވެ.

ނުގަވައިދުން ޕާކްކުރުމުން ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް---

ސްޓިކާ ޖެހުން ހުއްޓާލުމަށް ފަހު ޓްރެފިކް މައްސަލަ ހައްލުކުރަން ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އެތަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޕާކިން މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ކޮންމެ ދުވާރެއްގައި ވެސް މަގަށް ނުކުމެ އެރޭ ގޮތަށް ރޭމްޕްތަކެއް ހަދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އަޖުމަ ބަލަން ހެދި ދެ ރޭމްޕް މަތީގައި ވެސް ސައިކަލްތައް ޕާކްކުރުމުން އެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 2015 ގައި ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޭރު މާލޭގައި 49،605 އުނޅަދު ދުއްވަ އެވެ. އެކަމަކު ޕާކްކުރާނެ ޖާގައެއް މާލޭގައި ނެތެވެ.