ވައްކަމުގެ ތުހުމަތަށް، އޭދަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މެލޭޝިއާ އިން ހައްޔަރުކޮށްފި

މެލޭޝިއާގެ އަންނައުނު ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ބ. އޭދަފުށީގެ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހުމަދު ހައްޔަރުކޮށްފި އެވެ.


މެލޭޝިއާގައި ތިބި ބައެއް ދިވެހިންގެ ފަރާތުން އެނގުނުގޮތުގައި މީގެ ދެ ދުވަހެއް ކުރިން ހައްޔަރު ކުރި ނިއުމާ އަދިވެސް ހުރީ އެ ގައުމުގެ ފުލުހުންގެ ބަންދުގަ އެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވިގޮތުގައި މި މަހު ކުރީކޮޅު އަމިއްލަ ދަތުރެއްގައި ނިއުމާ ވީ މެލޭޝިއާގަ އެވެ. އޭނާ ހައްޔަރު ކުރިކަމަށް ނުރަސްމީ ގޮތުން މައުލޫމާތު ލިބުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދި ޔަގީން ކޮށް ނުދޭ ކަމަށް ތޮލާލް ވިދާޅުވި އެވެ.

އޭދަފުށީގެ ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާ މެލޭޝިއާއަށް ވަޑައިގަތީ ދަރިންނާއެކު ޗުއްޓީއަކަށެވެ. ވައްކަމުގެ ތުހުމަތާ ގުޅޭގޮތުން އެ އާއިލާގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.