އުމުރުން ދުވަސްވީ މީހާ އަށް ހަމަލާދިން މައްސަލައިގައި ފިޔަވަޅު އަޅާނަން: ޝިދާތާ

އައްޑޫ ހޮޓަލެއްގެ ތެރެއިން ސިކުނޑީގެ އުނިކަމެއް ހުންނަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މީހާ އަށް ފިޔަވަޅު އަޅަން ބާރު އަޅުއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ހިތަދޫ މާހެރަ ކެފޭގައި މިކަން ކުރި ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެކަން ކުރި މީހާ އަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި، މި މައްސަލަ ސީރިއަސްކަމާ އެކު ބަލައި، ހަމަލަ ދިން މީހާ އަށް ހައްގު އަދަބު ދޭން ޖެހެ އެވެ.

ޖެންޑާ މިނިސްޓަރު ކުރެއްވި ޓުވީޓު.

ޖެންޑާ މިނިސްޓަރު ޝިދާތާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އުމުރުން ދުވަސްވީ މީހާއާ ދޭތެރޭގައި ހިންގީ އަނިޔާވެރި އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މީހާ ކޮޅަށް ތެދުވެގެން.

"މި އަމަލު ހިންގި ފަރާތާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރަމުން ގެންދާނަމެވެ،" ޝިދާތާ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ގާތްގަނޑަކަށް 70 އަހަރުން މަތީގެ ތުއްތުގެ ނަމުން މަޝްހޫރު ދުވަސްވީ މީހާ އަށް ހަމަލާދިނީ މެދު އުމުރުގެ ދިވެއްސެކެވެ. އެގޮތުން އުމުރުން ދުވަސްވީ މީހާ ގޮނޑިއެއްގައި އިންދައި، އެ ތަނަށް ގޮސް އޭނާގެ ލޮލަށް އިނގިލި ކޮއްޕާލަ އެވެ. ދުވަސްވީ މީހާ ތެދުވެ، އަތް މުށްކަވާލުމަށް ފަހު، އޭނާ އަށް ހަމަލާދިން މީހާގެ މޫނާ ދިމާލަށް އަނގައިގައި ހުރި ފެނާ އެކު ކުޅު ބުރުވާލަ އެވެ.

ދުވަސްވީ މީހާ އަށް ހަމަލާ ދިނުމާ ގުޅިގެން ބައެއް އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިއީ ހިތްދަތި މަންޒަރެއްގެ ގޮތުގައި ސިފަކޮށް އައިޝަތު ރިޒްނާގެ ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ މިކަންކަން ސީރިއަސް ކަންކަމުގެ ގޮތުގައި ދެކި ހުއްޓުވަން ޖެހޭ ކަމަށެވެ.

އުމުރުން ދުވަސްވީ މީހާ އަށް ހަމަލާ ދިން ވަގުތު، ހޮޓަލުގެ ތެރޭގައި ބަޔަކު ތިބި ކަމުގައިވިޔަސް، މާރާމާރީ ހުއްޓުވަން އުޅެފައެއް ނުވެ އެވެ.