28 ޖެނުއަރީ 2019 - 12:59
އަންނަ އޭޕްރީލް މަހު ރާއްޖޭގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ހުށަހަޅައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކޮމަންވެލްތުން އެކަމަށް އެދި ހުށަހެޅީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑާ އެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ.
ކޮމަންވެލްތަކީ، އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބު އޮބްޒާވް ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ބޭރުގެ ފުރަތަމަ ޖަމާއަތެވެ.
ފޮރިން މިނިސްޓަރު ޝާހިދު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ސަލާމް ކުރައްވަނީ. ---
މި އިންތިޚާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަން ކޮމަންވެލްތުން ފާޅު ކުރިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ ވަނީ އެ ޖަމާއަތުން ވަކިވެފަ އެވެ. އެއީ 2016 ވަނަ އަހަރު އެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރާއްޖެ އިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅައިފަ އެވެ. ނަމަވެސް، މިހާތަނަށް އައިއިރު، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައެއް ނުވެ އެވެ.
Commonwealth Secretary-General @PScotlandCSG met with Foreign Minister @abdulla_shahid to discuss the #Maldives’s wish to return to #Commonwealth. We pledge to work together starting with an assessment mission next week pic.twitter.com/eJ7MR75vn4
— The Commonwealth (@commonwealthsec) January 27, 2019
ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހެޅުމާ ގުޅިގެން އެ ޖަމާއަތުން ދެމުން އަންނަ އެއްބާރުލުމަށް މިނިސްޓަރު ޝާހިދު ޝުކުރު ދެންނެވި ކަމަށެވެ. އަދި ކޮމަންވެލްތު މެމްބަރު ގައުމަކަށް ރާއްޖެވުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެކި ސަރަހައްދުތަކުގެ 53 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި 34 ވަންދެން އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު އެ ޖަމާއަތުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އެވެ. އެކަމަކު، ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ސިޔާސީ ލީޑަރުން ޖަލަށް ލުމާއި ހައްގުތައް ހަނިކޮށް ގާނޫނުތައް ހެދުން ފަދަ ކަންކަމަކީ ކޮމަންވެލްތަށް ބަލައިގަނެވުނު ކަމެއް ނޫނެވެ.
ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖުލައި 9، 1982 ގަ އެވެ. އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ. ކޮމަންވެލްތުން ރާއްޖެ އަށް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗިއްލޫ
28 January 2019
ވިކޮޅަކަށް ގޮސް ހުސްވެފަވާ ބަޔަކަށް ކޮން އޮބްޒާވެއް ކުރެއްވޭނީ؟؟؟ މިގައުމުގެ ކަންކަން އޮބްޒާވުކޮށް ފާޑުކިޔަން ތިކަހަލުގެ ދެފުއްކެހެރިންނަށް ފުރުސަތުދިނުމަކީ އަހަރަމެން ގަބޫލުކުރާކަމެއްނޫން!،
ކަނބިލި
28 January 2019
ކޮމަންވެލްތުން ބުނާހާ ގޮތަކަށް އެމީހުުންނަށް އަޅުދާސްވާހާ ގޮތަކަށް ސިޔާސަތު ގެންދެވޭތޯ ބަލާތި.