ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވުމަށް ރައީސަށް ލަފާ އަރުވައިފި

ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަދައި ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދަށް އަމަލު ކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ލަފާ އަރުއްވައިފި އެވެ.


މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމަށް މަޝްވަރާ ކުރެއްވުމަށް ފަހު، އެ މަޖިލީހުން ފާސްކޮށްފައި ވަނީ އެ ގަވައިދަށް އަމަލު ކުރަން ފެށުމަށެވެ.

ގަވައިދުގައި ބުނެފައިވަނީ ރާއްޖޭގައި ވިއްކާ ސިނގިރޭޓް ފޮށީގެ 90 ޕަސެންޓުގައި ދުންފަތުގެ ސަބަބުން ޖެހޭ ބައްޔެއްގެ މަންޒަރެއް ހިމަނަން ޖެހޭ ކަމަށެވެ. އެއީ ހަގީގީ މަންޒަރަކަށް ވާން ޖެހޭއިރު ޖަހަން ނިންމާފައިވާ ފޮޓޯތައް ހެލްތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު" ހަދައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ 2017 ގެ ސެޕްޓެމްބަރު މަހު އެވެ. ގަވައިދު ފޮނުވީ ގާނޫނީ ގޮތުން ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމުމަށް ފަހު އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲގެ ސަރުކާރުގެ ދައުރު ނިމުނުއިރު ވެސް އެ ގަވައިދު ގެޒެޓް ކޮށްފައެއް ނުވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު، ޓޮބެއިކޯ ކޮންޓްރޯލް ބޯޑުން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ބައްދަލުކޮށް އެ ގަވައިދަށް އަމަލު ކުރަން ފެށުމަށް އެދިފަ އެވެ.

"ފްރޭމްވޯކް ކޮންވެންޝަން ފޯ ޓޮބެއިކޯ ކޮންޓްރޯލް،" އެ މުއާހަދާގައި 2007 ވަނަ އަހަރު ރާއްޖެ ސޮއިކޮށްފައިވާއިރު މުއާހަދާ ބުނާގޮތުން އަހަރެއްގެ ތެރޭގައި އެ ގަވައިދުތައް ތަންފީޒު ކުރަން ޖެހެ އެވެ. މިހާރު ވެސް ދުނިޔޭގެ 105 ގައުމެއްގައި އެ މުއާހަދާ އަށް އަމަލު ކުރެ އެވެ. ސާކް ސަރަހައްދުން އެ ގަވައިދަށް އަމަލު ނުކުރަނީ ރާއްޖެ އެކަންޏެވެ.