ބޮޑުތަކުރުފާނު މަގު ފެހިކުރަން ސިޓީ ކައުންސިލަށް ގަސް ހަދިޔާކޮށްފި

މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކުރަން އެންވަޔަރަމެންޓު މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް 2،700 ގަސް މިއަދު ހަވާލުކޮށްފި އެވެ.


ގަސްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ.

މާލެ ސިޓީ ކައުންސިލަށް ގަސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓު މިނިސްޓަރު ޑރ ހުސެއިން ރަޝީދު (ކ) އާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޮޑު ސަރަހައްދެއްގައި ތާރު އަޅާފައިވާ މަގު ފެހިކުރަން އެންވަޔަރަމެންޓް މިނިސްޓްރީން ގަސްތައް ގެނައީ ރާއްޖެ އިން ބޭރުންނެވެ. އޭގެތެރޭގައި ހިމެނެނީ ހިތި ގަހާއި އައްމަލްތާސް އަދި ބޮޑު ޖަވާހިރު ގަހެވެ. ބިޔަކޮށް ހެދޭ ގަސްތަކުގެ އިތުރުން ޕޮޓުތަކުގައި އިންދަން މާގަސްތައް ވެސް ކައުންސިލަށް ހަދިޔާކުރި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ބޭރުން ގަސްތައް ގެނައީ، ރާއްޖޭގެ ރަށަކުން އެހާ ގިނަ އަދަދެއްގެ ގަސް ނުނަގަން ވެގެން ކަމަށެވެ.

މާލޭގެ މޭޔަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެ ގަސްތައް ބޮޑުތަކުރުފާނު މަގުގައި އިންދަން ފަށާނެ އެވެ. އެކަމުގައި ތަފާތު އެންޖީއޯތަކާއި ސްކޫލްތަކުގެ ދަރިވަރުން ބައިވެރި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަށް ގަސްތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެންގެ ޅަ ދަރީންނަކީ ވެސް ގަސް އިންދުމަށް ލޯބި ކުރާ، މާލެ ފެހިކުރުމަށް ލޯބި ކުރާ، ތިމާވެއްޓަށް ލޯބި ކުރާ ބައެއްގެ ގޮތުގައި ބޮޑުވުން އެއީ މާލެ ސިޓީއަށް ލިބޭނެ ކުރިއެރުމެއް،" ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ގަސްތައް ބެލެހެއްޓުމަށް އެކަމަށް ހާއްސަ ޔުނިޓެއް މާލެ ސިޓީ ކައުންސިލުން ތައްޔާރު ކުރާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

އެ ގަސްތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން އެންވަޔަރަމެންޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒަހީރު (މީމު ޒަވިޔަނި) ވިދާޅުވީ މާލޭ ފެހި ކުރަން ގެނައި ގަސްތަކަކީ އެ މިނިސްޓްރީން ކުރިން ކޮށްފައިވާ ދިރާސާތަކަށް ބިނާކޮށް ކަނޑައެޅި ގަސްތަކެއް ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި އާއްމުކޮށް ހެދޭ، އެހެން ނަމަވެސް މިހާރު ނެތިދެމުން އަންނަ ނުވަތަ މަދުވެފައިވާ ގަސްތައް ގެނައުމަށް ހާއްސަ ސަމާލުކަމެއް ބެހެއްޓި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަށް ގަސްތައް ހަވާލުކުރުމުގެ ރަސްމިިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި (ކ) އެންވަޔަރަމެންޓު މިނިސްޓަރު ޑރ ހުސެއިން ރަޝީދު - ފޮޓޯ: ނިޝާން އަލީ/ މިހާރު

މުޅި ރާއްޖެ ފެހި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ވައުދެކެވެ. އޭގެ ތެރޭގައި ގަސް އިންދުމުުގެ ހަރަކާތެއް މިދިޔަ މަހު ވަނީ ފަށައިފަ އެވެ.