މި ހިތްވަރެއް ނޭލޭނެ: މައުމޫން

ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލާގައި އެ ޕާޓީގެ ލީޑަޝިޕާ އެއްކޮޅަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނިކޮށް، އެ ނިންމުމާ އެކު ވެސް އުންމީދު ނުގެއްލޭ ކަން ދޭހަވާ ގޮތަށް އެ ޕާޓީގެ ފައުންޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ޓުވީޓު ކުރައްވައިފި އެވެ.


ޕީޕީއެމްގެ ރައީސްގެ މަގާމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ނިންމި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ތާއީދު ކޮށްފަ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އެ ހުކުމާ އެކު، ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުން ޕީޕީއެމަށް ދޭން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން އީސީން ހިފެހެއްޓި އަށް މިލިއަން ރުފިޔާ ވެސް ދޫކުރަން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ފިނޭންސް މިނިސްޓްރީ ގައި އީސީން މާދަމާ އެދޭނެ އެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، ފަހުން ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށް، ޔާމީން އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްސަލަ ބެލި ވަގުތީ ކޮމިޓީގެ ނިންމުން ވެސް މިއަދު އައިސްފައި ވަނީ ޔާމީނާ އެއްކޮޅަށެވެ. އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވަގުތީ ކޮމިޓީން އެ ކޮމިޝަނަށް ދިން ލަފާގައި ވަނީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލްކުރެވެން ނެތް ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ އެކު، އެ ޕާޓީގެ ކޯޅުންގަނޑު ޔާމީނަށް ކާމިޔާބު ވެދާނެ ކަމަށް ހީވެފައިވާ މި ދަނޑިވަޅުގައި، އަޒުމް އާ ކުރައްވައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެ. މި ހިތްވަރެއް ނޭލޭނެ" ކަމަށެވެ.

ހިތްވަރު އާ ކުރައްވައި މައުމޫން މިއަދު ކުރެއްވި ޓުވީޓު

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު، އެ ޕާޓީގެ ހިންގުން ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ. އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހެޅުމުން އެ ކޯޓުން މިހާރު ނިންމާފައި އޮތީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ގޮތެއް ނިންމުމަށެވެ. ދެން އޮތީ އެ މަރުހަލާ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމް އަންނަ ގޮތަކުން، ޕީޕީއެމްގެ މައްސަލައިގައި މައުމޫނާއި ޔާމީންގެ ކޯޅުންގަނޑު ނިމޭނެ ކަމަށް ބެލެވެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެ ޕާޓީން ވަކިވެ ވަޑައިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އާ ޕާޓީއެއް އުފައްދަނީ ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލަތައް ކޯޓުގައި އޮތުމުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައި ވެ އެވެ.