ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެބް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އެމެރިކާ އަދި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ ހަގީގަތަކަށް ހަދައިދިނުމަށް އެހީވާން ދުނިޔެ އޮތީ އެހީތެރިވާން،" 10 ދުވަހުގެ ދަތުރާ ބެހޭ ގޮތުން ޝާހިދު ޓްވީޓްގައި ވިދާޅުވި އެވެ.
މި ދަތުރުގައި ޝާހިދު ވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައިފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ޝާހިދު ތަގުރީރުކުރެއްވި އެވެ.
އޭގެ އިތުރުން އޭނާ ވަނީ ރާއްޖޭން އަލުން ގުޅެން ނިންމާފައިވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑާ ބައްދަލުކުރައްވައި އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބު އޮބްޒާވް ކުރުމަށް ދައުވަތު ދެއްވާފަ އެވެ.