އަވިން ކަރަންޓް އުފައްދަން ލިންކް ރޯޑުގައި ޕެނަލް ބަހައްޓަނީ

މާލެ އަށް ބޭނުންވާ ކަރަންޓް އަވިން އުފެއްދުމުގެ ގޮތުން ސިނަމާލެ ބްރިޖުގެ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލް ބަހައްޓާ ގޮތަށް ހަމަޖައްސައިފި އެވެ.


ހަކަތަ އުފައްދަން ތެލަށް ކުރާ ހަރަދު ކުޑަކުރަން ސަރުކާރާއި ވޯލްޑް ބެންކާ ގުޅިގެން ހިންގާ އެކްސެލެރޭޓިން ސަސްޓެއިނަބްލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ދަށުން ހިންގާ އެ މަޝްރޫއުގައި ފަސް މެގަ ވޮޓްގެ ކަރަންޓް އުފައްދަން ވަނީ ނިންމައިފަ އެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ވެސް ކޮށްފަ އެވެ.

ސިނަމާލެ ބްރިޖާއި ހުޅުމާލެއާ ދެމެދު ހަދާފައިވާ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލްތައް ބެހެއްޓުމާއި ކަރަންޓް ދިނުމާއި އޮޕަރޭޓްކުރުމުގެ ޒިންމާ ވެސް ނަގަން ޖެހެނީ، މަޝްރޫއު ލިބޭ ފަރާތުންނެވެ. މި ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މާޗު 14 ގަ އެވެ.

މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ އެސްޕަޔާ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

އެސްޕަޔާ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގެ 1،000 ހައުސިން ޔުނިޓުގައި މިހާރު ވެސް ވަނީ 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފަ އެވެ. މިދިޔަ އަހަރު އެ ޕެނަލްތައް މެދުވެރިކޮށް ކަރަންޓް ނަގަން ވެސް ވަނީ ފަށައިފަ އެވެ.

އެސްޕަޔާ ޕްރޮޖެކްޓުން ރާއްޖޭގައި އަވިން 20 މެގަވޮޓްގެ ކަރަންޓް އުފައްދަން ނިންމާފައިވެ އެވެ.