އައްޑޫގައި ހަދާ ފުލުހުންގެ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ: ހަމީދު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހަދަމުން އަންނަ ދިވެހި ފުލުހުންގެ ޓްރޭނިން ސެންޓަރަށް އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.


މަގާމަށް އައްޔަން ކުރެއްވި ފަހުން އައްޑު އަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ދަތުރުގައި އެކްޓިން ކޮމިޝަނަރު ހަމީދު މިހެން ވިދާޅުވިއިރު، އައްޑޫ ލިންކް ރޯޑާ ދިމާލުން ވަރަށް ބޮޑު ސަރަހައްދެއް ފުލުހުންގެ ޓްރޭނިން ސެންޓަރު އަޅަން ނަގާފައިވާތީ މި ސިޓީގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް މި މަޝްރޫއަށް އިންޑިއާގެ ނުފޫޒު އޮތް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އައްޑޫގެ ގިނަ ބައެއްގެ ތެރޭގައި އެބައޮތެވެ.

ފުލުހުންގެ ޓްރޭނިން ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި އިންޑިއާގެ ނުފޫޒެއް ނޯންނާނެ ކަމަށް ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިޔާ ވިދާޅުވީ ވެސް އޭނާ އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ އެކު، މިއަދު ބޭއްވެވި ބައްދަލުވުމުގައި އައްޑޫ މީހުންގެ ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ހިއްސާ ކުރުމުންނެވެ،

އެކަމާ ގުޅިގެން، ހަމީދު ވިދާޅުވީ ޓްރޭނިން ސްކޫލް އިމާރާތް ކުރަނީ ބޮޑު ސަރަހައްދެއްގައި ކަމަށް ވާތީ، ފުލުހުންގެ ތަމްރީނުތަކަށް އެކަނި އެ ތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއުނިޓީގެ ތަމްރީނުތައް ހިންގޭނެ ތަނަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލަފާ ދެއްވާފައިވާ ކަމަށެވެ.

އަދި އެ ޓްރެއިނިން ސްކޫލް ޓާޝަރީ އެޑިއުކޭޝަނަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެކްޓިން ކޮމިޝަނަރު ވިދާޅުވި އެވެ. ނަމަވެސް އެތަން ބޭނުން ކުރަން ފެށުމުން އިންޑިއާގެ ނުފޫޒު އޮންނާނެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކުށް ހީއެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ޓްރޭނިން ސްކޫލް ހަދަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގަ އެވެ. އެތަނުގެ އަމަލީ މަަސައްކަތް 2017 އިން ފެށިގެން ކުރަމުން އަންނަ އިރު، އެ ސަރަހައްދުގެ މޫދާވީ ފަޅިން ވެސް ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންތެއް ވެސް ލައިފަ އެވެ.

މި ޓްރޭނިން ސެންޓަރަކީ ފެބްރުއަރީ، 8، 2012 ގައި ހިތަދޫގައި ހުރި ފުލުހުންގެ ޓްރޭނިން ސްކޫލް ގައި ރޯކޮށް އަންދައިލުމުން، ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ހިންގައިދޭ މަޝްރޫއެކެވެ. ސީދާ އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެތަނުގެ ހުރިހާ މަސައްކަތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަ ކުރާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.

އެތަނުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑުންނެވެ.

ފުލުހުން ބުނި ގޮތުގައި ޓްރޭނިން ސެންޓަރު ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެތަނުގައި އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެންވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.

އެތަނުގެ މަސައްކަތް 2017 ގައި ފަށައި 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފައި ވެ އެވެ. އެކަމަކު އެތަނުގެ މަސައްކަތް އެއްކޮށް ނިންމަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފުލުހުން މިހާރު ބުނެ އެވެ.

ފުލުހުންގެ އެކްޓިން ކޮމިޝަނަރު އައްޑޫ ސިޓީ ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ އައްޑޫގެ އާބާދީ އަށް ޚިދުމަތް ދެވޭ ވަރަށް ފުލުހުންގެ އަދަދާއި ވަސީލަތްތައް ނެތްކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކުރައްވައިފަ އެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯއްދަވައި ދެއްވަން މޭޔަރު ވަނީ އެކްޓިން ކޮމިޝަނަރުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ