އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން އިލެކްޝަނަށް ހުށަހަޅައިފި

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.


ފޯމު ހަށައެޅުން އޮތީ އަބަދުވެސް އެމްޑީޕީން ކަން ކުރާ ގޮތަށް ކުލަގަދަކޮށެވެ. އެގޮތުން މައްޗަށްގޮޅީގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނަށް ކެންޑިޑޭޓުން ދިޔައީ، ހެންވޭރުގައި ހުންނަ އެމްޑީޕީ އޮފީހުން ފެށިގެން ހިނގައިފަ އެވެ. މި ހިނގާލުމުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ބައިވެރިވި އެވެ.

ފޯމް ހުށައަޅަން އެމްޑީޕީން އިންތިހާބާ ބެހޭ މަރުކަޒަށް ދިޔައީ ޕާޓީގެ އޮފީހުން ފެށިގެން ހިނގާފައި

އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އެވެ. މިއީ، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީއަކުން އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.

އާންމު އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތުން ގުޅިގެން ހަ ދާއިރާއެއް ދޫކޮށްލަން މަޝްވަރާ ކުރި ނަމަވެސް، އެކަމަށް އަމަލީ ސިފަ ނައިސް، އެމްޑީޕީން ވަނީ އެ ދާއިރާތަކަށް ޕްރަމަރީން ހޮވި ކެންޑިޑޭޓުންގެ ފޯމުތައް ވެސް ހުށަހަޅައިފަ އެވެ. އެއީ، ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ މިލަންދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ.

އަމްޖަދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިންތިޚާބުގެ ކަންކަން ކުރިއަށް ދާއިރު، ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުތަކާއި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް ރައްކާތެރިވެ ތިބުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އިންތިހާބަށް ފޯމު ހުށައަޅަން އެމްޑީޕީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން ދަނީ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑު ގަބޫލު ކުރަނީ ކުރިއަށް އޮތް އިންތިޚާބުގައި ވެސް ސިޔާސީ ޕާޓީތަކާ އެކީގައި ވަރަށް އަމާން، އޮމާން އިންތިޚާބެއް ބޭއްވިގެން ދާނެ ކަމަށް،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބަށް ވުމުގެ ފުރުސަތު ބޮޑެވެ. އަދި އިންތިޚާބުގައި ނިކުންނާނެ ނަތީޖާއާ މެދު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަމްޖަދު ވަނީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

"ވަރަށް ހިތްގައިމު އިންތިޚާބަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަމްޖަދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމްތައް ސައްހަތޯ ބަލައި ޗެކް ކުރާނެ ކަމަށެވެ.