ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ދައުވާއަށް ސްނައިޕަރު ވެސް އިންކާރު

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ސްރީ ލަންކާގެ ސްނައިޕާ ޝޫޓަރެއް ކަމަށް ތުހުމަތު ކުރާ މީހާ އޭނާގެ މައްޗަށް ކުރާ ދައުވާއަށް މިއަދު އިންކާރުކޮށްފި އެވެ.


ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ތުހުމަތު ކުރާ ލަންކާގެ ލަހިރު މަޑިޝަންކަރު ރާއްޖެ ގެނައި ކަމުގެ ތުހުމަތުގައި ދައުވާކުރަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ. އަދި އެކަން ރާވައި، އެކަމުގެ ބައިވެރިވި ކަމަށް ބުނެ ގ. އޮއިވާލި އިސްހާގު ހުސައިން އާއި މ. ލިލީޕާކް ފަޒީލް ހަމީދަށް ވެސް ދައުވާ ކުރެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މަޑިޝަންކަރު ވަނީ ވަކީލަކާ އެކު ދައުވާއަށް ޖަވާބުދާރީވެފަ އެވެ. އޭނާ ރާއްޖެ އައީ ރައީސް ޔާމީން އަވަހާރަކޮށްލަން ކަމަށް ބުނެ ކުރާ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމަކީ ދެ ފަރާތުން ހެކި ހުށަހަޅަން ބޭއްވި އަޑުއެހުމެއް ނަމަވެސް އެކަމަށް އިތުރު ފުރުސަތެއް ދޭން މަޑިޝަންކަރުގެ ވަކީލާއި އަދީބުގެ ވަކީލުން އެދުމުން އެ ފުރުސަތު ކޯޓުން ވަނީ ދީފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށަހަޅަން ދިފާއީ ވަކީލުންނަށް ވަނީ އަންގައިފަ އެވެ.

ދައުލަތުން މިއަދު ހެކި ހުށަހަޅަން ތައްޔާރުވެގެން އައި ނަމަވެސް ދިފާއީ ވަކީލުންނަށް އިތުރު ފުރުސަތު ދީފައިވާތީ ދައުލަތުން ބުނީ ދައުލަތުން ވެސް ހެކި ހުށަހަޅާނީ ދައުވާ ލިބޭ މީހުން ހެކި ހުށަހަޅާ ދުވަހު ކަމަށެވެ.

ދައުވާގެ ބައެއް ކަންކަން ސާފުނުވާ ކަމަށް އަދީބުގެ ފަރާތުން ފާހަގަ ކުރުމުން ދައުލަތުން ބުނީ ހުށަހަޅާ ހެކިތަކުން އެކަން ސާފުވާނެ ކަމަށެވެ.

ދައުވާ ލިބޭ އިސްހާގުގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާ ގޭ ބަންދަށް ބަދަލުކުރަން އޭނާގެ ވަކީލް މިއަދު އެދުމުން ދައުލަތުން ބުނީ އެކަމުގެ މެޑިކަލް ލިޔުންތައް ދައުލަތަށް ނުލިބޭ ކަމަށެވެ. އެ ލިޔުންތައް ބެލުމަށް ފަހު، ސިއްހީ މައްސަލައެއް ހުރެއްޖެ ނަމަ އިސްހާގު ގޭ ބަންދަށް ބަދަލުކުރަން ދައުލަތުން ދެކޮޅު ނަހަދާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގައި އަދީބާއި ފަޒީލާއި މަޑިޝަންކަރުގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ. އިސްހާގުގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.