ކޮރަޕްޝަނަށް ކުޑަކަކޫޖެހުމެއް ނެތް، އޮތީ ޒީރޯ ޓޮލަރެންސް: ރައީސް

ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެ އެވެ.


ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، މިސްރާބު ގެއްލިފައި އޮތް މިންވަރާއި އެކަން ބަދަލުކޮށް ދުސްތޫރީ ނިޒާމްގެ ރޫފަ ރަނގަޅު ކުރަން ކުރައްވާނެ ކަންކަން ހިމަނުއްވައި ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ހަރުކަށި ފިޔަވަޅު އެޅުމުގެ އެއް ވިސްނުންފުޅު ރައީސް ގެންގުޅުއްވީ ކޮރަޕްޝަނާ ދެކޮޅަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާދައިގެ ކަމަކަށް ވެފައި އޮތް ކޮރަޕްޝަންގެ ބައިވެރިން ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވުނު މެމްބަރުން ވެސް ހިމެނޭ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހު ދައުރު ހުޅުވައިދެއްވަމުން ރައީސް ވިދާޅުވީ ހިޔާނާތުގެ ކުރިމަތީގައި އެމަނިކުފާނު "ކުޑަކަކޫ ނުޖައްސަވާނެ" ކަމަށެވެ. މެމްބަރުންނަށް ބައްލަވައި އަޑުފުޅަށް ބާރުލައްވައި، އެކަމުގެ ޔަގީންކަން ވެސް މަޖިލީހަށް އެރުވި އެވެ.

ރައީސް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމު އަށަގެންފައި ނުވާ އެންމެ ގުނަވަނެއް ވެސް ދައުލަތުގެ ތެރޭގައި ނެތް ކަމަށެވެ. ފަސާދަ އާއި ޚިޔާނާތުން ކިލަނބު ނުވާ އެންމެ އިދާރާއެއް ވެސް މި ގައުމުގައި ނެތް ކަމަށް ވިދާޅުވި އެވެ.

ގައުމު އެ ހާލަތަށް ދިޔައީ، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިދުތައް ނެތިގެނެއް ނޫނެވެ. އަދި އެފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ދައުވާކުރާ އިދާރާތައް ވެސް ހުރީ އާއްމު އުސޫލުން ހިނގަހިނގާ ކަމަށް ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެ އަށް ފެތުރިގެން ދިޔައީ ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ގިނަ ލިއުންތައް ހޯދިއްޖެ

އެމަނިކުފާނު ތަކުރާރު ކުރެއްވި ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތެއްގައި ބަޔަކު ބޭނުންކުރިއިރު އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި އެވެ. އެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑު އެއް ހިޔާނާތަކީ، ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކުރި މައްސަލަ އެވެ.

ރިޔާސީ ކޮމިޝަނުން އެ ހިޔާނާތުގެ ތަހުގީގުތައް ފަށައި، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރިޔާސީ ކޮމިޝަނުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރާ އިރު، އެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުގެ ހޯދުންތައް ވަނީ ހިއްސާކޮށްފަ އެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގުގައި ބޭރުގެ ފަންނީ ތަޖުރިބާކާރުންނާއި އިދާރާތަކުގެ ވެސް އެހީ އަންނަނީ ހޯދަމުން ކަމަށެވެ. ހިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލްވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

"އެ ކަންކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތުގެ މަތިން ފިޔަވަޅު އެޅޭނެ،" ރައީސް ވިދާޅުވި އެވެ.

ނުހައްގު މުއްސަނދިކަން ހޯދާ މީހުންނަށް ބޮޑު އަދަބެއް

ޑިމޮކްރަސީގެ މަގަށް ރާއްޖެ ރުޖޫއަކުރަން ކުރާ މަސައްކަތަށް އެންމެ ބޭނުންތެރި ގާނޫނުތަކުގެ ތެރޭގައި މި ސަރުކާރުން އިސްކަން ދިން އެއް ގާނޫނަކީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލް އުގޫބާތަށް އެ ކުށް އިތުރު ކުރުމުވެ.

ރައީސް ވިދާޅުވީ ނުހައްގު މުއްސަނދިކަމާ ބެހޭ ބިލް މިހާރު އޮތީ މަޖިލީހުގައި ކަމަށެވެ. ސަރުކާރުން އެ ބިލް އެކުލަވާލީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދައުލަތުގެ އިސް މަގާމްތަކުގައި ތިބޭ މީހުން އެ ކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ "އައްޑަނަ"އެއްގެ ގޮތުން، ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން 2012 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މަޖިލީހަށް ފުރަތަމަ ހުށަހެޅި ބިލް ފޭލްވުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެކަމަކު، އެ ގާނޫނު ވުޖޫދުކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާތަނަށް މާބޮޑު ސަމާލުކަމެއް ދިން ތަނެއް ނުފެނެ އެވެ.