ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިހާރު ހަދާ ހައުސިން ޔުނިޓެއް. ސަރުކާރުން ވަނީ ބޯހިޔާވަހިކަން ހޯދައިދޭން ކުންފުންޏެއް އުފައްދަން ނިންމާފައި. -- މިހާރު ފައިލް ފޮޓޯ
11 ފެބުރުއަރީ 2019 - 19:37
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގެ ގޮތުން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ މަސައްކަތްތަކެއް ވެސް ދެން ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން އުފައްދާ މި ކުންފުނިން މަސައްކަތް ކުރާނީ މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ "ހައުސިންގް ނީޑްސް އެސެސްމަންޓް" އަށް ބަލައިގެންނެވެ. އަދި އަދުލުވެރި، އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
"މިގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ." ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކީ މީގެކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށް ވުރެ ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރު އަލަށް ހަދާ 550 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ ކަމަށެވެ. މަސައްކަތް ފަށައި މިހާތަނަށް ނުނިމި ހުރި 1،500 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތް ވެސް އަލުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް ހ
12 February 2019
ކޮންމެ ކަމަކަށް ކުންފުންޏެއް. ކޮންމެ ވަޢުދަކަށް ކޮމެޓީއެއް! މިހެން މިކަންކޮށްގެން ވަޢުދުތައް ފުއްދޭތޯ! ނުވާނެ އިނގޭތޯ އެހެން އެކަމެއް! މިހާރު ހުރިތަންތަން ހަރުދަނާކޮށް، ވަކި ޢުޞޫލުތަކެއްގެ މަތިން ހިންގީމަ ނިމުނީ! ކަންކަން އިސްލާޙުވެގެން ދާނެ! ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެ! އެހެންވީމަ ހަރުދާނާ ކުރަންވީ އުޞޫލުތަކާ ޤަވާއިދުތައް! ކޮމެޓީތައް ހަދާ ކުންފުނިތަކެއް ނޫން!
ނޭގުނު
12 February 2019
ވެރީންނަށްހީވާކަހަލަ މިޤައުމުގައި ކަމެއް ނުކުރެވިގެންމިއުޅެނީ ކުންފުނިތަކާއި ޤާނޫނުތަކާއި ޤަވާޢިދުތައް ނެތިގެނޭ. ހަމަކަމެއްގެ ވާހަކަބުނާއިރަށް ކުންފުންޏެއް، ކޮމެޓީއެއްޤާނޫނެއްޤަވާޢިދެއް އެބަވުޖޫދަށްނެރޭ. ދެން އެއަށްފަހު ވާގޮތެއް ބަލާނެ މީހަކު ނެތް. ކިތައް ކުންފުނިތޯ އެއްކަމެއްގެމައްޗަށް ފޫޅުކަނޑައި އުފައްދަނީ. ކިތައްކިތައް ޤާނޫނުތޯ އެއްކަމެއް ހައްލު ކުރަން ފާސްކުރަނީ. ދިވެހިން ފަހުސްވުން ނޫންކަމެއް ވިތޯ؟ ނެތީ އިހުލާޞްތެރިކަމާއި އަމާނާތްތެރިކަން.
ޝޮކްތެރަޕީ
12 February 2019
ތިކުންފުނީގެ ކަމަކީ އެމްޑީޕީގެ މީހުންނަ ތިތަންތަން ދިނުން.
އޮލިވާ
12 February 2019
ސަރުކާރުން ވިޔަފާރިކުރަން އުޅުނީމާ ވާގޮތަކީ ކުޑަ 2ކޮޓަރިއާއި ސިޓިންރޫމްކޮޅެއް ހެދުމަށް އޮންނަނީ މިލިއަނުން މައްޗަށް ހަރަދު ހިނގާފައެވެ. ދެން ވަރަށްކުޑަ ފައިދާކޮޅެއް ލާފަ، ބޮޑު އާއިލާއެއް ދިރިއުޅެން އެތަން މިދެވެނީ 2މިލިޔަން ނުވަތަ ކުޑަތަންކޮޅެއް ބޮޑު އަގަކަށެވެ. 25 އަހަރު މަސައްކަތް ކުރިޔަސް ވަޒީފާއިން އެވަރު ލިބޭކަމަކަށް ނުވެއެވެ. އެއްކަލަ ރައްޔިތުމީހާ އަމިއްލަޔަށް އެވަރުގެ ތަންކޮޅެއް ނަލަކޮށް ހަދަން 3ލައްކަ ރުފިޔާވެސް ނުދެއެވެ. ބިން ހަރާމީތޯ؟
ramzy
13 February 2019
ހަމަ ރަނގަޅަށް ތިބުނީ އަމިއްލަޔަށް ގެދޮރު ހަދަން ހުޅުމާލެއިން ބިން ނިކަންދީބަލަ ގިނަމީހުން އަހަރުދުވަސް ތެރޭ ހަދާނެ ހަރަދަށް ނުދާނެ މިލިޔަނެއް ކިތަންމެލަކްޒަރީ ކޮށް ހެދިޔަސް
ގުނބޯއަލީ
12 February 2019
ކާކު ދިން ނަމެއްތަ ތީ. ޙާދަ ކިޔަން އުދަގުލޭ. ފަހި ހިޔާ ކޯޕަރޭޝަން ލިމިޓަޑް ވަރަށް ރަގަޅު ވާނެ. ނަން ބަދަލު ކޮއްލާ. ހަވީރު މި ކޮމެންޓް ޖަހާލައްޗޭ. އިބޫ އަށް މަގޭ މެސެޖް ރައްދު ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން މި އުޅެނީ. ހީ ކުރަން ރައީސް ސޯލިޙް މި ނަމަށް ބަދަލު ކުރާނެ ކަމަށް.
ގިނަގިނަ
12 February 2019
އެއްކަހަލަ ގިނަ ތަންތަން ހެދި ވަރަކަށް ރައްޔިތުން އެއްދިމާއިން އަނެއް ދިމާއަށް ދުވުން ގިނަވާނީ. އެއްތަނުން ބުނާނެ ތިއީ މިތަނާ ބެހޭ ކަމެއްނޫނޭ. މިނިސްޓްރީ ބުނާނެ ތިއައީ އެތަނާ ބެހޭ ކަމެކޭ. ހައުސިންގ މިނިސްޓްރީގެ ވަކި ޑިޕާޓްމަންޓެއް ހަދައި ނުވަތަ މިނިސްޓްރީގެ ކަމާބެހޭ ބައި ފުޅާކޮށް އިތުރު މުވައްޒަފުން ލައިގެން ނަމަވެސް ތިކަންކުރުން އެންމެ ރަގަޅުވާނެހެން ހީވަނީ އެތަނުން.
ހަޖަމް
12 February 2019
ކުންފުންޏެއް ހެދުމުން ބޯހިޔާވެހިކަން އަގުހެޔޮވަންޏާ ތީއަނެއްކާ އަދުރޭގެ ހިސާބުޖެހުންނޫންބާ!
އަލިބެގެ އައްޔޫބު
12 February 2019
ޔާމީނުގެ 5 އަހަރު ނިމުނުއިރު އެއްވެސް ފެލްޓެއް ނޭޅޭ. އެހެންވީމަ އިބޫގެ 5 އަހަރުގައި ފްލެޓްއަޅައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި ކުލިދައްކައިގެން ދިރިއުޅެން ޖެހިފައިވުމުގެ ވަބާއިން ރައްޔިތުން ސަލާމަތްކޮށް ދިނުމަށް މަސައްކަތް ކުރާނެކަމަށް އުންމީދުކުރަން.
ޔުސުބު
12 February 2019
ޜއްޔިތުންގެ ފައިސާ އިން އެއްމަސައްކަތެއް ކުރާދެތަނެއް އުފެއްދުން އެއީ އިސްރާފް.އެފަދަގޮތްގޮތަށް ކުރެވޭ ބޭކާރު ޚަރަދު ތަކަކީ ފައިސާ އިސްރާފްކުރުން. ކަރެޕްޝަނާ އެއާހުރި ތަފާތަކީ ކޮބައިތޯ. ޥެރިކަމަށް އިސްކުރުމަކީ ހިތުހުރިހާގޮތަކަށް ކަންތައް ކުރުމެއް ނޫން. ޜައްޔިތުންގެ މަންދޫބުން ކުރެން އަހައިގެން ކަންކަން ކުރަން.
ރިޝާ
12 February 2019
އެޗްޑީސީ އޮތީ ދަރުވާލާފަ ބަޔަކު ކެމްޕޭނަށް ފޭރިގަތީ
ހަފުސް
12 February 2019
ސަރުކާރުން އިމާރާތްތައް އަޅާ ރައްޔިތުންނަށް ބޮޑުއަގުގައި ކުއްޔަށްދޭން ވިޔަފާރި ކުރަންފެށީމާ ވާގޮތަކީ ދިވެހިންގެ ދިރިއުޅުމާއި އެތަންތަނާއި އެކަށީގެނެއްނުވެއެވެ. ދިވެހި އާއިލާތަކަކީ ބޮޑަތި އާއިލާތަކެކެވެ. މުސްކުޅި މަންމަޔާއި ބައްޕަޔާއި ދެމެފިރިންނާއި އާންމުކޮށް 4ކުދިން 5ކުދިން ތިވެއެވެ. ބައެއްފަހަރު އެއަށްވުރެވެސް ގިނައެވެ. ދެން މިޖެހެނީ ހުރިހާއެންމެން ކުޑަ 2ކޮޓަރި 3 ކޮޓަރީގައި މަތިމައްޗަށް އުޅޭށެވެ. ބޮޑަތި ދަރިންނާއި އެކުވެސް އެއް އެނދެއްގައެވެ.