ވެލިދޫ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ވެލިދޫ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.


ފުލުހުން ބުނީ ގެނބިގެން މަރުވީ އުމުރުން 78 އަހަރުގެ އޮސްޓްރިއާގެ ޓޫރިސްޓެއް ކަމަށެވެ. އެމީހާ މަރުވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސުނު ފަހުން ކަމަށް ފުލުހުން ބުންޏެވެ.

މިފަހަކަށް އައިސް ގެނބިގެން މަރުވާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ ބުދަ ދުވަހު، ރޮބިންސަން ކްލަބް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު ގެނބިގެން ވަނީ މަރުވެފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އެފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ.

ޓުއަރިޒަމް ދާއިރާގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށާއި އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރޭތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ އިންސްޕެކްޝަން ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. އެގޮތުން މިދިޔަ މަހު ޕެރަޑައިސް އައިލެންޑް ރިސޯޓު އަދި ދިއްފުށީގައި ޓޫރިސްޓުންތަކެއް މަރުވި މައްސަލައިގައި އެ ދެ ތަން މިނިސްޓްރީން ވަނީ އިންސްޕެކްޓްކޮށްފަ އެވެ.