ޔާމީނަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.


އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ.

ޔާމީން، މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ދައުވާ އުފުލަައިދޭން ފޮނުވި އެވެ.

އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. ޔާމީންގެ އެކައުންޓަށް ޖަމާކުރި ޝައްކު އުފެދޭ ފައިސާ އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާށެވެ.

އެސްކްރޯ އެކައުންޓަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރާ މުއާމަލާތެއްގައި ހިމެނޭ ފައިސާ ވަކި ޝަރުތުތަކެއްގެ މަތިން ތިން ވަނަ ފަރާތެއްގެ އެކައުންޓުގައި، އެ ފައިސާ ދޫކުރާ ގޮތަށް ބެހެއްޓުމެވެ. އެއްބަސްވުމެއް ހެދީ، އެ ފައިސާ، އެމަނިކުފާނާއި އޭސީސީގެ ބެލުމުގެ ދަށުގައި ބަހައްޓާށެވެ.

އެކަމަކު ބީއެމްއެލްގައި ހެދި އެކައުންޓަށް އެމަނިކުފާނު ޖަމާކުރެއްވީ އެސްއޯއެފް އިން ދިން އެއް މިލިއަން ޑޮލަރެއް ނޫން ކަން ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭރު އެމަނިކުފާނު ވަނީ، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލު ކުރައްވައިފަ އެވެ. ކޮރަޕްޝަންގެ ފައިސާ ކަމަށް ބަލާ އެއް މިލިއަން ޑޮލަރުން މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުގެ ތަފްސީލް:

- ދެ ޗެކަކުން ޔާމީންގެ އެމްއައިބީ އެކައުންޓަށް އެސްއޯފުން އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގައި.

- މި މައްސަލައާ ގުޅިގެން އޭސީސީން ކުރި ތަހުގީގު 2016 ގައި ފައިލްކުރީ، ޚިޔާނާތް ފަޅާއެރުމާ އެކު ފިލައިގެން ބޭރަށް ދިޔަ އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން ކަމަށް ބުނެ.

- ތަހުގީގު ވަގުތީ ގޮތުން ހުއްޓާލިއިރު ވެސް ފައިސާ ފްރީޒެއް ނުކުރޭ. އެއް މިލިއަން ޑޮލަރު ހުރީ ޔާމީންގެ އެކައުންޓުގައި.

- އެއް މިލިއަން ޑޮލަރު، ޔާމީން 2017 ގައި ޖަމާކުރެއްވީ އެމްއައިބީގެ އިންވެސްޓްމެންޓް އެކައުންޓަކަށް. އެއީ، އެ ފައިސާ އިން ފައިދާ ހޯއްދެވުމުގެ މަގެއް. އެ ފައިސާ އިން ވިޔަފާރިކޮށް ލިބޭ ފައިދާ ބަހާނީ ބޭންކާއި ޔާމީނަށް.

- ޝައްކު އުފެދިފައިވާ އެއް މިލިއަން ޑޮލަރު ހަވާލުކުރަން، ރިޔާސީ އިންތިޚާބުގެ ކުރިން އޭސީސީން އެދުމުން އެސްކްރޯ އެކައުންޓް އެއްބަސްވުމުގައި ސޮއި ކުރެއްވީ މާޗް، 25، 2018 ގައި.

- އެސްކްރޯ އެކައުންޓަށް ޖަމާކުރަން ޖެހޭނީ އެމްއައިބީގައި ހުރި ފައިސާ ކަން އަންގައި (އެކައުންޓް ނަމްބަރު ވެސް) އެއްބަސްވުމުގައި ލިއެފައިވޭ. އަމަލު ކުރެއްވީ އެއްބަސްވުމާ އެއްގޮތަށް ކަން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ލިއުމުން އޭސީސީ އަށް އަންގަވާފައިވޭ.

- ޔާމީންގެ ބީއެމްއެލް އެކައުންޓަކުން، ޖޫން، 10، 2018 ގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާ. އޭނާ އަށް އެ ފައިސާ ޓްރާންސްފާކުރީ، އެނގިފައިވާ ގޮތުގައި، ޔާމީނާ ވެސް ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏަކުން.

- އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެމްއައިބީ އެކައުންޓުގައިވާ ފައިސާ ނޫން ކަން އޭސީސީގެ ސަމާލުކަމަށް ގެނައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން. އެކަން ބަލައިދޭން އޭސީސީން ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގައި.

- އޭރު އެ ޔުނިޓުން ދިޔައީ ރިޔާސީ އިންތިޚާބާ ދިމާކޮށް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ވެސް ބަލަމުން. އެކަން ފުލުސް އޮފީހަށް ވެސް އޮތީ ހުށަހަޅާފައި.

- އެފްއައިޔޫ އާއި ފުލުހުންނާއި އޭސީސީގެ ހުރިހާ ތުހުމަތެއް ޔާމީން ދޮގުކުރައްވާ. ތުހުމަތު ކުރާ އެއްވެސް އަމަލެއް އަދި ހައްޔަރު ކުރަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސުވާލު އުފެދިފައިވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ އިތިުރުން ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަން ބަލައިދޭން ފުލުސް އޮފީހަށް ހުށަހެޅީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ.