އެސްއޯއެފުން ޖަމާކުރީ ހިޔާނާތުގެ ފައިސާ ކަމެއް އެއްވެސް ފަރާތަކުން ކަނޑައެއް ނާޅާ: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމެއް އެއްވެސް ފަރާތަކުން ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިރޭ ބުނެފި އެވެ.


މަނީލޯންޑުކުރުމާއި އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތަށް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމާއި ގުޅިގެން ޔާމީންގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އެމަނިކުފާނުގެ ނަމުގައި އެމްއައިބީގައި އަދި އެނޫން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަަކަށް ވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާކަމަށް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމެއް ނުވަތަ ދައުލަތުގެ ފައިސާއެއްކަމެއް ކަމާބެހޭ އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ނިންމާފައިނުވާ ކަމަށް ބުންޏެވެ.

ބަޔާނުގައި ފާހަގަކުރިގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔާމީން ބައިވެރިވާގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އޭގައި އެއް މިލިއަން ޑޮލަރު ބަހައްޓަން އެމަނިކުފާނު ނިންމަވާފައިވަނީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމެއް ނުވަތަ ނޫންކަމެއް އެއްވެސް ތަހުގީގެއްގައި ކަނޑައަޅާފައިނުވާތީ އެ ފައިސާއާ މެދު ވަކިގޮތެއް ކަނޑައެޅިގެންދިއުން މުހިއްމު ކަމުގައިވާތީ އެމަނިކުފާނުގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.

"އެންޓިކޮރަޕްޝަން ކޮމިޝަނާއި ރައީސް އަބްދުﷲ ޔާމީން ބައިވެރިވާގޮތަށް އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް ނިންމި ނިންމުމަކީ، ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއްކަމުގައިވުމާއި އެހާތަނަށް ވެސް އަދި މިއަދާ ހަމައަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތަކުން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާއެއްކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ކަނޑައަޅައި ބަޔާންކޮށްދެވިފައި ނުވެ އެވެ،" ބަޔާނުގައި ވެ އެވެ.

"...ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފޮނުވާފައިވާ މައްސަލާގައި އެ ފަރާތުން ހާމަކުރައްވާފައިވާ 'ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ' ކަމަށް ބަޔާންކޮށްފައިވާ އިބާރާތަކީ ކަމާގުޅުންހުރި އިދާރާއަކުން ހިންގާފައިވާ ތަހުގީގުތަކުން ސާބިތުވެފައިވާ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔެފައިވާ އިބާރާތެއް ނޫނެވެ،"

އެސްއޯއެފްއަކީ ރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ ވިޔަފާރި މުއާމަލާތް ހިންގާފައިވާ އެހެން އެތައް ކުންފުންޏެއް އަދި އެތައް ބަޔަކު ރާއްޖޭގައި ތިބިއިރު އޭގެ ތެރެއިން ޔާމީން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިންގައި ދައުވާ އުފުލާފައިނުވާ ކަން ފާހަގަކޮށްފައި ވެ އެވެ. އެހެންކަމުން ޔާމީނަށް ޓާގެޓުުކޮށްގެން ހަމައެކަނި އެމަނިކުފާނުގެ މައްޗަށް ގާނޫނު ތަންފީޒުކުރަން އުޅުމަކީ ގާނޫނު އަސާސީގައި ކަށަވަރުކޮށްފައިވާ ދުސްތޫރީ ހަމަހަމަކަމާއި ހިލާފު ކަމެއްކަމަށް ބުންޏެވެ.

ޔާމީންގެ ވަކީލުން ދެކޭ ގޮތުގައި އެމަނިކުފާނާ ދެކޮޅަށް ދައުވާކުރަން ފޮނުވީ އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ބޭނުމުގަ އެވެ. އަދި ގާނޫނު ތަންފީޒުކުރުމާއި ގާނޫނުގެ ހުކޫމަތް ދެމެހެއްޓުމުގައި ވަކި ފަރާތަކަށް ޓާގެޓުކޮށްގެން ގާނޫނު ތަންފީޒު ނުކުރުމަށާއި ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަން ލިއްބައިދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޔާމީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ. އޭނާއަށް ކުރަނީ މަނީ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެވެ.